މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ޙިމާޔަތްކުރުމުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، ވިދާޅުވީ، މިސަރުކާރު އައިއިރު، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައެއް އަދި ނިކަމެތިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އަލުން ގުޅުން ގާއިމުކޮށް، ބައިނަލްއަގުވާމީ މުޖްތަމައުގައި ދިވެހިރާއްޖެއަށް އަލުން އަނބުރާ އިތުބާރާއި ޔަގީންކަން ހޯއްދެވުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒްގެ ހައިސިއްޔަތުން މިނިސްޓަރ (ނ.ޢ.ޢ.ވ) ޢަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު، ދިވެހި ހާރިޖީ ހިދުމަތުގެ ދާއިރާއަށް މިސަރުކާރުން މުހިއްމު ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިވިލް ސަރވިސްގައި ނުހިމެނޭ މުޅިން ވަކި ހިދުމަތެއްގެ ގޮތުގައި، ހާއްސަ ގާނޫނަކުން ބާރު ލިބިދޭ ހިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސަރވިސް އުފެއްދުމުގެ މަގްސަދަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ހާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި، އެންމެ ފުރިހަމަ މާނައިގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެހީތެރިވެދިނުން ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ކޯވިޑް-19ގެ ވަބާ މުޅި ދުނިޔޭގައި ފެތުރި، ހުރިހާ ޤައުމުތަކެއް ފުރަބަންދުގެ ޙާލަތުގައި އޮތް އިރު، ހާރިޖީ ހިދުމަތުގައި ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރާއްޖޭގެ ހާރިޖީ ދާއިރާ އިތުރަށް ތަރައްޤީވެ، ބައިނަލްއަޤުވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުމަށް އުއްމީދުކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.