އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ނޫސްވެރިންނާ ބައްދަލުކުރައްވައި ނޫސްވެރިންގެ އަޑު އައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ރަސްމީކޮށް ކުރެއްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް ދައުވަތު ދެއްވައިގެން ރޭ، 'ނޫސްވެރިންގެ ގުންޒަރު' ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވަނީ ނޫސްވެރިންގެ ޝުއޫރުތައް ފާޅުކޮށް އިހްސާސްތައް ހިއްސާކޮށް ހިޔާލު ފާޅުކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ.

ރޭގެ ބައްދަލުވުމުގައި އާސަރުކާރުން ނޫސްވެރިކަމާ މެދު ގެންގުޅެން އެދޭ ތަސައްވުރުތަކާއި ކުރާ އުއްމީދުތައް ބައެއް އެޑިރަޓަރުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މައުލޫމާތު ހޯދާ ލިބިގަތުމުގައި މިހާރަށް ވުރެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމާއި ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންވެފައި އޮތުމުގެ މުހިންމުކަން ބައެއް އެޑިޓަރުން ފާހަގަ ކުރިއެވެ.

އެގޮތުން ހުރިހާ ނޫސްވެރިންގެވެސް ގާތްގަނޑަކަށް ހުރި އެއްކަހަލަ ޝަކުވާތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ އުއްމީދީ ބަސްތަކެއްވެސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން މިންވަރެއް ކަނޑައަޅާނެ ވާހަކަ ކެމްޕެއިންގައި ވެސް ވިދާޅުވި ކަމަށާއި، ބަޖެޓް ހުށަހަޅަން ލިބުނު ވަގުތުގެ ކުޑަކަމުން މިފަހަރު ހުށަހަޅާ ބަޖެޓުގައި މިންވަރެއް ކަނޑައެޅިފައި ނެތަސް މާލިއްޔަތު ކޮމިޓީގެ މަރުހަލާގައި މަޝްވަރާ ކުރައްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ހަލިނޫސް ، ނޫސްވެރިންގެ ގުންޒަރުގެ ތެރެއިން....ފޮޓޯ: ޑރ މުއިއްޒު ފޮޓޯހަބް

އެގޮތުން މަޖިލީހުގެ މެންބަރުންގެ ކިބައިން މުއިއްޒު އެކަމަށް އެދިވަޑައިގެން ވިދާޅުވީ، ބަޖެޓުން ދޭން ކަނޑައަޅާ މިންވަރު ދިނުމަށް ހަރުދަނާ އުސޫލުތަކެއް އެކަށައަޅަން ޖެހޭ ކަމަށާއި އެކަންވެސް ކުރައްވާނެ ކަމަށެވެ.

ހަމައެހެންމެ ނޫސްވެރިންގެ ތަމްރީނަށް ސްކޮލާޝިޕް ފުރުސަތު ދިނުމާއި، މީޑިއާ ވިލެޖެއް އުފެއްދުމާއި، ކުރިން ހިނގަމުން ދިޔަ '25 މާލަން' ފަދަ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަދިވެސް އިތުރަށް ވިދާޅުވީ، ނޫސްވެރިކަމާ ގުޅުންހުރި ހުރިހާ ކަމެއް ކުރެވޭނެ މެންޑޭޓް ނުވަތަ އިންފޮމޭޝަމް މިނިސްޓްރީގެ މެންޑޭޓެ ހިމެނޭ ވުޒާރާއެއް އާ ސަރުކާރުގައި ހުންނާނެ ކަމަށެވެ. އެކަން އެގޮތަށް ކުރައްވަނީ ނޫސްވެރިކަން އިތުރަށް ކުރިއަރުވާ އެދާރާއިން ތަމްރީނާއި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.