އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް ދެއްކެވި ހުރިހާ ވާހަކަތަކަކާއި ވައުދުތަކެއް ހިމެނޭ "ވައުދުނާމާ" ފޮތް މާދަމާރޭ ނެރޭ ގޮތަށް ހަމަޖައްސައިފިއެވެ،

އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބޭއްވި މިހަފްލާގައި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، މި ދާއިރާ ތަރައްގީކުރަން ބޭނުންވާ ގިނަ ހިޔާލުތަކެއް ޑރ މުއިއްޒާ ހިއްސާކުރައްވާފައެވެ.

ރޭގެ ބައްދަލުވުމުގައި ނޫސްވެރިން ފާޅު ކުރެއްވި ހިޔާލުތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވުމަށް ވެފައިވާ ވައުދުތަކަކީ ސިއްރުކޮށްގެން ފޮރުވާނެ ކަންތައްތަކެއް ނޫންކަމަށެވެ. އެކަންކަން ކުރައްވާނީ ވަރަށް އިހްލާސްތެރި ކަމާއިއެކު، ދެފުށް ފެންނަ ގޮތަކަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ކެމްޕޭންގަ އެންމެ ފުރަތަމަ ދެއްކި ވާހަކައިން، ނިންމާލާފަ މިއަދާއި ހަމައަށް މިދައްކާ ވާހަކަތައް ދިމާވާނެ. ތަފާތު ވާހަކައެއް މިހާތަނަށް ނުދައްކަން. އަޅުގަނޑު މައިކެއް ކައިރީ ހުރެގެން ދެއްކި ކޮންމެ ވާހަކައެއް ކޮންމެ ޖުމްލައެއް އެވާހަކައެއް ދެއްކީ އެކަމެއް ކުރަން ބޭނުންވާތީ. ހިތުގެ އަޑިން އެކަން ގަބޫލުކޮށް ކުރުމުގެ ނިޔަތުގަ. އިހުލާސްތެރި ކަމާއިއެކީގައި. ފޮރުވާނެ ކަމެއް ނޯންނާނެ،" ޑރ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ކެމްޕޭންގައި ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ރައްޔިތުންނަށް ފެންނަން ހުންނާނޭ ކަމަށެވެ. އެގޮތުން ވެފައިވާ ވައުދުތަކާއި ދައްކަވާފައިވާ ވާހަތަކުގެ ފޮތެއް މާދަމާރޭ ނެރޭނެ ކަމަށާއި، އެފޮތުން ވަރަށް ސާފުކޮށް ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް ތަނާއި، ވަގުތާއި އެކު ފެންނަން ހުންނާނޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މާދަމާ ނޫން އަނެއްދުވަހު ބާއްވަ ހަފްލާއެއްގައު އެބަނެރެން ފުރަތަމަދުވަހު ކެންޑިޑޭޓަކަށް ވުމަށްޓަކައި ފޯމުލުމަށް ނުކުމެ ނޫސްވެރިންނާ ދެއްކި ވާހަކައިން ފެށިގެން ދެބުރުގައި ދެއްކި ހުރިހާ ވާހަކައެއް ހުރިހާ ރަށަކަށް ގޮސް ދެއްކި ހުރިހާ ވާހަކައަކާއި އަދި އިންތިހާބު ކާމިޔާބު ވެގެން މިތާނގައި ދެއްކި ވާހަކައާ ހަމައަށް ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ލިޔެފައިވާ ފޮތެއް، އެފޮތުގައި ހުރިހާ ވައުދެއްވެސް ހިމަނާ ފޮތް އެބަނެރެން، އެއްވެސް ކަމެއް ފޮރުވަން ބޭނުން ނުވާތީ، އެ ފޮތުން ފެނިވަޑައިގަންނަވާނެ ހުރިހާ ވާހަކައެއް،" މުއިއްޒު ވިދާޅުވިއެވެ.

އެއްވެސް ކަމެއް ފޮރުވަން ބޭނުންފުޅުނުވާތީ ނުހަނު ހާމަކަން ބޮޑުގޮތެއްގައި ނެރޭ އެ ފޮތުގައިވާ ކަންތައްތައް ކުރައްވަން ނުކުމެވަޑައިގަންނަވާ ކަމަށާއި އޭގައިވާ ކަންކަން ކުރޭތޯ ނުކުރޭތޯ ބެލުމަށް ނޫސްވެރިން އެބަތިބިކަމަށާއި އެހެންވީމާ އެމަނިކުފާނު އެ ނުކުމެވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރައްވަން ކަމަށްވެސް ޑރ މުއިއްޒުގެ ވާހަކައިގައި ވިދާޅުވިއެވެ.

"ކަންކަން ފޮރުވާކަށް ނެތިން. އޭގަވާ ކަންތައްތައް ޢަމަލީ ގޮތުން ކޮށްދިނުމަށް އަޅުގަނޑު މިނުކުންނަނީ. އަޅުގަނޑުމެންގެ ޓީމު މިއޮތީ ތައްޔާރުވެގެން. ނޫސްވެރިން ތި ތިއްބެވީ އެފޮތުގައި އޮތް ގޮތަށް އަޅުގަނޑުމެން ކަންކުރޭތޯ ބައްލަވަން. ތިބޭފުޅުންނާއި އަޅުގަނޑުމެންނާއި ގުޅިގެން ރައްޔިތުންނަށް ޚިދުމަތް ކުރަން މި ނިކުންނަނީ،" މުއިއްޒު ވިދާޅުވިއެވެ.

ޑރ މުއިއްޒު ވަނީ މި ހަފްލާގައިވެސް، އެމަނިކުފާނުގެ ސަރުކާރަކީ ދެފުށްފެންނަ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ މަޢުލޫމާތުތައް މީޑިއާއަށް ލިބޭނެ ފަސޭހަ އިންތިޒާމެއް ފަހިކޮށްދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.