ނިއުޔޯކްގެ ބައިނަލްއަގްވާމީ ނޮންގަވަމެންޓަލް އޯރގަނައިޒޭޝަން ހިއުމަން ރައިޓްސް ވޮޗް އިން އިޒްރޭލުން ޣައްޒާގެ ހޮސްޕިޓާތަކަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފިއެވެ.

އިޒްރޭލުން ޣައްޒާގެ ސިއްހީ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން މަދުވެގެން 521 މީހުން ޝަހީދު ވެފައިވާ ކަމަށް ވޯލްޑް ހެލްތު އޯރގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ހަވާލާދީ ހިއުމަން ރައިޓްސް ވޮޗްއިން މިއަދުގެ ވަގުތެއްގައި ވިދާޅުވެއްޖެއެވެ. ހިއުމަން ރައިޓްސް ވޮޗް އިން ވިދާޅުވެފައިވަނީ މިގޮތަށް ހަނގުރާމައިގައި ހޮސްޕިޓާތަކަށް ހަމަލާ ދިނުމަކީ ހަނގުރާމައިގެ ގަވާއިދުތަކާ ހިލާފު ކަމެއް ކަމަށާއި އަދި މިގޮތަށް ކުރެވޭ ޖިނާއީ ކުށްތައް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.

"އިޒްރޭލުގެ ސިފައިން ތަކުރާރުކޮށް ޣައްޒާގެ ސިއްހީ މަރުކަޒުތަކަށް ހަމަލާދީ އަދި ސިއްހީ މުވައްޒަފުންނަށާއި، އުޅަދުތަކަށް ދެމުންދާ ހަމަލާތަކަކީ ގާނޫނުން ހުއްދަ ކުރާކަމެއް ނޫން، މިފަދަ އަމަލުތަށް ޖިނާއީ ކުށްތަކެއްގެ ގޮތުގައި ތަހުގީގު ކުރެވެން ޖެހޭ" ހިއުމަން ރައިޓްސް ވޮޗްއިން ވިދާޅުވިއެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާގައި މިހާރު 10000 އަށް ވުރެގިން މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.