ބިދޭސީ ނަރުސް ކުއްޖަކު މަރާލި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި، ހަލީމަތު ލަމްހާގެ ފަރާތުން ޓެގް އަޅުވާފައި ދޫކޮށްލަދިނުމަށް އެދެފިއެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މިއަދު އޮތް އަޑު އެހުމުގައި، ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކޯޓުގައިވަނީ އެދިފައެވެ.

ލަމްހާގެ ފަރާތުން އޭނާގެ ބަންދަށް ލުޔެއް ދޭން އެދުމުން، ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދު ކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ. ދައުލަތުގެ ޖަވާބަށް ޒުވާބު ދެއްވަމުން ލަމްހާގެ ވަކީލް ވިދާޅުވީ ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށެވެ.

އަދި މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށާއި އެހޮޔުން ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށް ވަކީލް އެދިވަޑައިގަތެވެ.

ލަމްހާގެ ވަކީލަށް ޖަވާބު ދެއްވައި ދައުލަތުން ވިދާޅުވީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ހަމަ އެއާއެކު ރައްދުގައި ލަމްހާގެ ވަކީލް ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާލިބޭ ބަޔަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ކަމަށެވެ.

މާވިންގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ކޮންމެ 30 ދުވަހަކުން އެއް ފަހަރު ބަންދު މުރާޖާ ކޮށްފައިނުވާ ކަމަށެވެ. އަދި މީގެކުރިން އެގޮތަށް އަމަލު ނުކޮށް ތިބީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ދައުލަތުން ބުނީ ބަންދަށް ބަދަލު ގެންނަން ޖެހޭތޯ ބެލުމުގައި ކުރިން އަމަލުކުރީ ޕީޖީ އޮފީހުން އަމިއްލައަށް ކަމަށް މުރާޖާކުރާ އުސޫލުން ކަމަށެވެ. ނަމަވެސް މިހާރު ބަންދު މުރާޖާ ކުރަނީ ލިޔުމުން ކޯޓަށް ފޮނުވައިގެން ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.

އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.