ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

ފަލަސްޠީނަށް އެހީވުމަށްޓަކައި ފަންޑު ހޯދުމަށް ފުނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކާއި އަދި ފުނަދޫ ރައްޔިތުންނާއި ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

28 އޮކްޓޫބަރ އިންން ނޮވެމްބަރ 04 އަށް ހިންގި މި ހަރަކާތްތަކުން ޖުމްލަ 300،226.02 ލިބިފައިވާކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވެއެވެ.

މި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބިފައި ވަނީ އެރަށުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުން ހަދިޔާ ކުރި ފައިސާއިންނެވެ. މި ގޮތުން ފުނަދޫ މުއައްސަސާތަކުގެ މުވައްޒަފުންގެ ހަދިޔާގެ ގޮތުގައި 95،544 ރުފިޔާ ލިބިފަވެއެވެ. މީގެ ތެރޭގައި ފުނަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ފުނަދޫ ކައުންސިލުގެ ދަށުން މަސައްކަތް ކުރާ ހުރިހައި މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ވެސް ހިމެނެއެވެ. އެއީ 14،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.

އެރަށުގެ މިސްކިތްތަކުގައި ބެހެއްޓި ފަންޑު ފޮށިތަކުން ވެސް ބޮޑު ޢަދަދެއް ލިބިފަވެއެވެ. އެއީ 83،856.75 ރުފިޔާއެވެ. އަދި ފުނަދޫ ހޮސްޕިޓަލްގައި ބެހެއްޓި ފަންޑު ފޮށިން 5104.56 ރުފިޔާ ލިބިފައިވާއިރު، ޓީޝާޓް ވިއްކައިގެންނާއި އެހެނިހެން ހަރަކާތްތަކުން 77،464.71 ރުފިޔާ ވަނީ ލިބިފައެވެ.