އެމްޑީޕީގެ ރައީސް ކަމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ކުރިމަތިލައްވަން ގަސްތުކުރައްވާކަން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރަައްވާ އެކްސްގައި އަލްހާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ހުސްވެފައިވާ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލާން ގަސްތުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް މި ކަމާ ގުޅިގެން އެމަނިކުފާނު ދީފައެއް ނުވެއެވެ.

އެމްޑީޕީއާއި ދުރުގައި ގިނަ ދުވަސްތަކެއް ހުންނެވުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުތެރޭގައި އަލްހާން އަލުން އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއެވެ. އެމަނިކުފާނު އެ ޕާޓީން ވަކިވީ ރައީސް ނަޝީދު ވެރިކަމުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކެއްގައެވެ.

އެމަނިކުފާނަކީ ފުރަތަމަ ޑީއާރުޕީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭގެ ފަހުން އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި ޕީޕީއެމްގައި ވެސް އަލްހާން ވަނީ މަަސައްކަތް ކުރައްވާފައެވެ.