ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ރާއްޖޭގައި ވެކްސިން ޖެހުން މަޖުބޫރެއް ނުކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

ވެކްސިނަށް މީހުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން އާންމުކުރާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ ކޮވިޑް19 ވެކްސިން އަކީ އެ ބަލި ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިންރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެއް ކަމަށާއި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުން ކަމަށެވެ.

އެގޮތުން ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްހީ ހިދުމަތްތެރިންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ހިމެނޭ ކަމަށެވެ.