ދަރިއެއްގެ ގައިގައި ވޭން އަޅާނަމަ މައިންބަފައިންނަށް އެތަދު އިހްސާސްކުރެވޭނެއެވެ. ފިރިހެންދަރިފުޅުގެ ލޮލަށް ފަރުވާ ލިބޭތޯ ރެއާދުވާ ހިތްވަރު ކުރަމުންދާ ބައްޕައަކު "ހަލި" ނޫހާ ހިއްސާ ކުރީ އެ ހިތްދަތިކަމުގެ ވާހަކައެވެ. މި ދަރިފުޅަށްޓަކައި އެ ބައްޕަ ކުރާ އާދޭހަކީ ދަރިފުޅަށް ފަރުވާ ލިބުމުގައި އޮތް ހުރަސްތަކަށް ދީލަތިއެހީ ލިބުމެވެ.

މިއީ ގއ. ކަނޑުހުޅުދޫ/ ހަނދުވަރުދޭގޭ، މައުސޫމް ހަސަންގެ ދޮށީ ދަރިފުޅު މަފާޒުގެ ލޮލުގައި އަޅާވޭނާއި އެދަރިފުޅަަށްވާ ތަދު ފެނި އޭނާގެ ހިތުގައި އަޅާ ވޭނުގެ ވާހަކަ އެވެ. ކުޑަކުޑައިރުއްސުރެ ދަރިފުޅު ގޮވައިގެން އެހޮސްޕިޓަލުން މި ހޮސްޕިޓަލުން، އެހެން އުޅެމުން އައި މައުސޫމުގެ ހިތްވަރު ފަހަރެއްގައި ބައްޔެއް ނުވެއެވެ.

"އުމުރުން 13 އަހަރު ވީއިރު މަފާޒުގެ ލޮލުގެ 17 ސާޖަރީ ހެދިއްޖެ، އެއްވެސް ކުރިއެރުމެއް ނައި،" މައުސޫމް ކިޔައިދުނެވެ. "އެންމެ ކުޑައިރު އެލާޖިކެއްކަމަށް ހީކުރީ، އެނގުނީވެސް އެކަަހަލަ ގޮތަކަށް، އެކަމަކު ހަމުގެ މައްސަލައެއްގައި ޑޮކްޓަރަށް ދެއްކުމުން އެނގުނީ ދަރިފުޅުގެ ލޮލުގައި ކަމެއް ހުރިކަން، ލޮލުގެ ހާއްސަ ފަރާތަކަށް ދައްކަން އެހަމުގެ ޑޮކްޓަރ އިރުޝާދުދިނީ،"

އިންޑިޔާއިން 17 ސާޖަރީ ހެދިއިރުވެސް މަފާޒުގެ ލޮލަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އުމުރުން ފަސް އަހަރުން ފެށިގެން ތޭރަ އަހަރާ ދެމެދު އިންޑިޔާއިން އެހާ ބައިވަރު ސާޖަރީ ހެދިއިރު ވެސް ނޭނގިއޮތް މައްސަލަ މައުސޫމަށް އެނގުނީ ހިތްވަރާއެކު އާންމުންގެ ދީލަތި އެތައް އެހީއެއްލިބިގެން ތައިލެންޑާ ހަމައަށް ދިއުމުންނެވެ.

އާސަންދަ ނުލިބޭ ތައިލެންޑްގެ ބުމަރަންގާޑް ހޮސްޕިޓަލަށް ކުރި ދަތުރުން މައުސޫމަށް އެނގުނީ ދަރިފުޅުގެ ލޯ ވަރަށްބޮޑަށް އިންފެކްޓް ވެފައި ހުރިކަމެވެ. އެހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ އެ އިންފެންކްޝަންގެ ސަބަބުން އަސްލު ބަލި ކަމަށްވާ "ކެރެޓްކޯނިޔާ"އަށް ފަރުވާދިނުން ލަސްވާނެ ކަމަށެވެ. ކޮންމެ ފަހަރަކު އިންޑިޔާއިން ސާޖަރީ ހެދިއިރު އިންފެކްޝަން ނައްތާނުލުމުން އެސާޖަރީތަކުން ވީފަސޭހަައަށްވުރެ މަފާޒުގެ ލޮލުގައި އެޅީ އިތުރުވޭނެކެވެ.

އިންފެކްޝަން ނައްތާލަން ފުރަތަމަ ޖެހޭތީވެ އެ އިންޖެކްޝާން ކިތަން އަގުބޮޑަސް ޖަހަން ޖެހެއެވެ. އެނޫނީ ދަރިފުޅުގެ ލޮލުގެ ފެނުމުން މަހްރޫމުވެދާނެއެވެ. އެހިސާބުން ފެށިގެން މައުސޫމު ދަރިފުޅުގެ އެއަގުބޮޑު ފަރުވާއަށް އަތުކުރި އޮޅާލީއެވެ.

މަފާޒުގެ ލޯ ރަނގަޅު ކުރެވިދާނެކަމާއި ފަރުވާ ފުރިހަމަ ކުރެވޭނެ ކަމަށް ތައިލެންޑްގެ ބުމަރަންގާޑް ހޮސްޕިޓަލުން ޔަގީންކަން ދިން ނަމަވެސް ތައިލެންޑުގައި ހަތަރުމަސްވަންދެން ތިވެވޭނެ ގޮތެއް ނުވިއެވެ. އަމުދުން އެއީ އާސަންދަހިމެނޭ ހޮސްޕިޓަލަކަށް ނުވާތީ ހުރިހާ ކަމަކަށް ހަރަދު ކުރަން ޖެހެނީ އަމިއްލަ ޖީބުންނެވެ.

ހޮސްޕިޓަލުގެ ބޭސް ފަރުވާގެ އަގު ކިތަންމެ ބޮޑު ކަމަށްވިޔަސް އެއީ މަފާޒަށް ފަރުވާ ލިބެން އޮތް ހަމައެކަނި މަގެވެ. އެ ހޮސްޕިޓަލުގެ ޑޮކުޓަރުން ތަފާތު އެތައް ޓެސްޓެއް ހެދުމަށް ފަހު މިހާތަނަށް ކުރި ފަރުވާއިން އުންމީދު އޮތީ އާވެއާލާވެ ޔަގީންކަންވެސް ވަނީ ލިބިފައެވެ.

"މަފާޒުގެ ލޮލުގެ ފަރުވާއަށް ޑޮކުޓަރުން ދެއްވި އިންޖެކުޝަނުން އެންމެ އިންޖެކުޝަން ގަންނަން ލިބެނީ 39،301 ރުފިޔާ އަށް. ހަތަރު މަސް ދުވަހަށްވާ އިންޖެކްޝަންގެ އަގަކީ 466،100 ދިވެހި ރުފިޔާ،" މައުސޫމް ކިޔައިދިނެވެ. "އަޅުގަނޑު ސަލާން ނުޖަހާ ތަނެއް މަދުވާނެ، އެހެންނަމަވެސް އެއްވެސް އަލިމަގެއް ނުފެނުނު، އާންމުން ދޭ ދީލަތި އެހީ ފިޔަވައި އެހެން އެއްވެސް ކަމެއް ނެތް،"

ފަރުވާގެ ބާކީ އެތައް ކަމެއް އަދިވެސް އެބައޮތެވެ. މައުސޫމް އެދެނީ އޭނާގެ ލޯބިވާ ދަރިފުޅުގެ ލޮލުގެ ފެނުމަށް އެޅިފައިވާ ބޮޑު ހުރަސް ނައްތާލައި، ދަރިފުޅުގެގައިގައި އަޅާ ވޭނާއި ރިހުމުން ދަރިފުޅު ސަލާމަތްވުމެވެ.

މަފާޒުގެ ފަރުވާއަށް ދީލަތި އެހީ ވެދިނުން އެދި ބައްއަކު ކުރަމުންދާ އާދޭހުގެ އަޑު އައްސަވާށެވެ. އިހްލާސްތެރިހިތަކުން ދިއްކޮށްލާ އެހީއެއް ބޭކާރުވެގެން ނުދާނެކަން ޔަގީނެވެ.

މަފާޒަށް އެހީ ތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާ ކުރާނީ

  • ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރު: 7712216293101 (މައުސޫމް ހަސަން)

  • ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރު: 7730000435922 (މައޫސޫމް ހަސަން)

  • އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)