އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިވަފްދުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަަވާއެވެ.

އެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި، ސްޕެޝަލް އެސިސްޓެންޓް ޓު ދި ޕްރެޒިޑެންޓް އެންޑް ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ، ނެޝަނަލް ސެކިއުރިޓީ، ސާރާ ލެޑިސްލޯކަމަށް އެމެރިކާގެ ވައިޓްހައުސްއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއާއި ޚާރިޖީ ގުޅުން ގާއިމްކޮށްފައިވާ ގިނަ ގައުމުތަކުން އެގައުމުތަކުގެ ވެރީންގެ ފަރާތުން ޚާއްސަ މަންދޫބުން މި ރަސްމިއްޔާތައް ފޮނުއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަވަށްޓެރި އިންޑިއާގެ ފަރާތުން ބައިވެރިވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސައިންސް މިނިސްޓަރ ކިރަން ރިޖުޖު ކަމަށް ވަނީ ހާމަކޮށްފައެވެ.މި ރަސްމިއްޔާތުގައި ޗައިނާއިން އެ ގައުމުގެ ރައީސް ޝީޖިން ޕިންގެ ފަރާތުން ފޮނުއްވަނީ ރައީސްގެ ޚާއްސަ މަންދޫބު އަދި ސްޓޭޓް ކައުންސިލަރު، ޝެން ޔިޖިންއެވެ.

ޑރ. މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހަވީރު، ޖުމުހޫރީ މައިދާނުގައި، ހަވީރު 4:45 ގައެވެ.