އޭގައި ގިނަ މަސައްކަތްތަކެއް ހިމެނޭ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ 100 ދުވަހުގެ ޕްލޭން އިފްތިތާހުކުރައްވައިފިއެވެ.
އިންތިޚާބީ ރައީސް ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ނުކުންނަ މީހަކު ފޮރުވަން ޖެހޭ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭންގެ އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ފެށިގެން މިއަދާއި ހަމައަށް ދެއްކި ހުރިހާ ވާހަކައެއް ވެސް ދިމާވާނެ ކަމަށާއި އެފަދަ ކޮންމެ ވާހަކަ އެއްވެސް ދައްކާފައިވަނީ އެކަމެއް ކުރަން، ހިތުގެ އަޑިން ގަބޫލުކޮށް، އެކަން ކުރުމުގެ ނިޔަތުގައި ކަމަށެވެ.
ޑރ. މުހަައްމަދު މުއިއްޒުގެ 100 ދުވަހުގެ ޕްލޭނަކީ ދިވެހި ކޮންމެ ރައްޔިތެއްގެ އުއްމީދުތައް ގުޅިލާމެހިފައިވާ ޒަމާނީ ރާއްޖެއަކަށް ރާއްޖެ ހެދުން ކަމަށާއި، ދިވެހިންގެ ހުރިހާ އަސާސްތަކާއި ދޭތެރޭ ފަޙުރުވެރިވާ ބަޔަކަށް ދިވެހި ޒުވާނުންގެ މުސްތަގުބަލް ޔަގީން ކޮށްދިނުން ކަމަށެވެ.
އިންތިހާބީ ރައީސްގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވާ ޖަލްސާގެ ހުށައެޅުމަކީ ދިވެހި އަންހެނުންގެ ޝަރަފް ހިމާޔަތް ކޮށްދީ، ދިވެހި މަސައްކަތް ތެރިންގެ މުސްތަގުބަލް ހިމާޔަތް ކޮށްދެވުމެވެ.
މީގެ އިތުރުން ދިވެހި އާއިލާތައް ފާގަތި މުސްތަގުބަލަކަށް މަގު ކޮށައިދީ ހިދުމަތް ކުރުމުގައި ދެމިހުރުން ކަމަށާއި، ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައްވާ ދެއްވުން ކަމަށް ޖަލްސާގައި ވަނީ ފާހަގަ ކޮށްފައެވެ.
ފުރަތަމަ 100 ދުވަހުގެ ޕްލޭނެއް އިފްތިތާކުރުމަށް ކުރިއަށް ގެންދާ ޖަލްސާއެއްގައި އިންތިހާބީ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުުރުމަށްޓަކައި ކަނޑައެޅިފައިވާ މަސައްކަތްތައް ހާމަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ބޭލުމުގެ މަސައްކަތްތައް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާއިމުކުރި ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާފަދަ ނުކުތާތަކެއް ހުރި ނަމަ އުވާލުމުގެ މަސައްކަތްތައް ކުރުމަށްވެސް ކަނޑައެޅިފައިވެއެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެންދާ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށްވެސް ކަނޑައެޅިފައިވެއެވެ. އިންތިހާބީ ސަރުކާރުންވަނީ ރާއްޖޭގެ މިސްކިތްތަކުގެ އާބާރުތަ ފިލުވުމުގެ ގޮތުން މިހާރަށްވުރެ ތިން ގުނަ އިތުރަށް ހަރަދުކުރުމަށްވެސް ހިމަނާފައިވާއިރު، މެދު ނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްތައް ފެށުމަށްވެސް އިންތިހާބީ ސަރުކާރުންވަނީ ރާވާފައެވެ.
އިސްލާމްދީނާއި ގައުމިއްޔަތާއި ދިވެހި ތާރީހަށް ކުދިން އަހުލުވެރިކުރުވުމުގެ ގޮތުން ސުކޫލުތަކުގައި އެކަމަށް ހާއްސަ ޕްރޮގްރާމްތައްވެސް ހިންގުމަށް ކަނޑައެޅިފައިވާއިރު، ދިވެހި ތަރިކަ އާލާކޮށް އިޔާދަކުރުމުގެ ގޮތުން ރާއްޖޭގައި އެކަމަށް ހާއްސަ މަރުކަޒަކާއި ކޮލެޖެއްވެސް ގާއިމުކުރުމަށް ކަނޑައެޅިފައިވެއެވެ.