ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ ހިންގުން ޒަޔަނިސްޓް އިޒްރޭލުން ހުއްޓުވައިފި ކަމަށާއި ސިއްޚީ ފަރުވާދޭ ކޮންމެ ތަނެއްގެ ވަށައިގެން ހަތިޔާރާއެކު ތިބީ އިޒްރޭލުގެ ޓެރަރިސްޓުން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއިން ހާމަ ކުރައްވާފައިވާ ގޮތުގައި އިޒްރޭލުން ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ދަނީ ދުވަހަކުވެސް ނުދެކޭފަދަ ލާއިންސާނީ އަނިޔާވެރި އަމަލުތަކެކެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި އިޒްރޭލުންދޭ ޓެރަރިސްޓް ހަމަލާތަކުގައި މިހާތަނަށް 4500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.

އިޒްރޭލުން ޣައްޒާގެ ހުރިހާ ހޮސްޕިޓަލްތަކެއް ހިސާރުކޮށް، ޚިދުމަތް މެދުކަނޑާލައި އެތަންތަނަށް ހަމަލާދޭން ފެށުމުން އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގައި ބޮޑެތި މުޒާހަރާތަކެއް އެގައުމުތަކުގެ ރައްޔިތުން ވަނީ ފަށާފައެވެ. ކުރިން ޔަހޫދީންނާ ދިމާއަށް ބަހެއް ބުނެލުމަކީވެސް ގޯހެއް ކަމަށް ދެކުނު ބައެއް ގައުމުތަކުގައި ލައްކައިން މީހުން ވަނީ އިޒްރޭލާއި ދެކޮޅަށް އަޑު އުފުލުމަށް ނިކުމެފައެވެ.

އެމެރިކާ ރައްޔިތުންގެ ޕްރެޝަރު ބޮޑުވުމުން ރައީސް ޖޯ ބައިޑަން މިރޭ ވިދާޅުވެފައި ވަނީ އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމަކީ އެމެރިކާ ބޭނުންވާ ގޮތް ނޫން ކަމަށެވެ. އެކަމަކު އެމެރިކާއަކީ އިޒްރޭލް ލައްވައި މިހުރިހާ ކަމެއް ކުރުވާ ޤައުމު ކަމުގައި ހުޅަނގުގެ ރައްޔިތުން މިއަދު ޤަބޫލް ކުރެއެވެ.

ޒަޔަނިސްޓް އިޒްރޭލާއި އިޒްރޭލަށް މަދަދުދޭ ފަރާތްތަކުގެ ނަންތައް ތާރިހުގައި ލިޔެވިގެންދާނީ ހޮސްޕިޓަލްތަކުން އޮކްސިޖަން ކަނޑާލި، އެމްބިއުލާންސްތަކަށް ހަމަލާދީ ސިއްހީ އެހީތެރިން ޝަހީދުކޮށްލި އަދި އަންހެނުންނާއި ކުޑަކުދިން ހޮސްޕިޓަލްތަކުން ރައްކާތެރިކަން ހޯދައިގެން ތިއްބައި އެތަންތަނަށް ބޮން އަޅައި އެތައް ސަތޭކަ ބަޔަކު ގަތުލް ކުރި ގަތުލުން ތަކެއްގެ ގޮތުގައެވެ.