އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ސްޓެލްކޯގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.

މިމަހުގެ 5 އިން 14 ވަނަ ދުވަހަށް، ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯހުގައި ސްޓެލްކޯގައި މަސައްކަތްކުރާ 13 މުވައްޒަފަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.

އެމްއެންޑީއެފުން ބުނީ މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފިޒިކަލް ޓްރެއިނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައިވާ ކަމަށްވެސް އެފަރާތުން ބުންޏެވެ.

އަދި މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ މި ދާއިރާއިން އިލްމާއި ތަމްރީނު ލިބިފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.