ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އަރިއަތޮޅު އުތުރުބުރި، ފެރިދޫ، ހާލި، އަލީ ނަޝާޠު އައްޔަން ކުރައްވައިފިއެވެ.

ގާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ގާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ގާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން ،އަލީ ނަޝާޠު، އައްޔަން ކުރެއްވީ މިއަދުއެވެ.

މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، އަލީ ނަޝާޠުއާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ރައީސްގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، އަލީ ނަޝާޠު، ކުރެއްވިއެވެ. އަލީ ނަޝާޠުއަށް ހުވާ ލައިދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރަލްދާ ޒާހިރުއެވެ.