އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ މަގާމުން އިސްތިއުފާ ދިނުމަށް އެ ގައުމުގެ އިދިކޮޅު ޕާޓީގެ ލީޑަރު ޔާއިރު ލެޕިޑު ގޮވާލައިފިއެވެ.

އިޒްރޭލުގެ ނޫހަކަށް ލެޕިޑު ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ނަތަންޔާހޫ ވަގުތުން ވަގުތަށް މަގާމުން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ވޯޓަކުން ނަމަވެސް އައު ބޮޑުވަޒީރަކާއެކު އައު ސަރުކާރެއް ގާއިމު ކުރުމަށް ވެސް އޭނާ ގޮވައިލިއެވެ.

"ނަތަންޔާހޫ ހަމަ މިހާރުން މިހާރަށް ދާން ޖެހޭ. އަހަރުމެން ބަދަލެއް ބޭނުންވޭ، ނަތަންޔާހު ޕްރައިމް މިނިސްޓަރުގެ މަގާމުގައި ބަހައްޓަން ރަނގަޅެއް ނުވާނެ،" ލެޕިޑް ވިދާޅުވިއެވެ. އޮކްޓޫބަރު 7 ގައި ހަމާސްގެ ހަމަލާ ނުހުއްޓުވުމަކީ މާފު ކުރެވޭ ވަރަށްވުރެ ބޮޑު ކުށެއް ކަމަށް ވެސް ލެޕިޑް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މީހަކަށް ބޮޑުވަޒީރުކަން ނުކުރެވޭނެ ކަމަށް ވެސް ލެޕިޑް ވަނީ ވިދާޅުވެފައެވެ.

ފާއިތުވެދިޔަ 40 ދުވަސް ތެރޭގައި އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި 12000 އާ ގާތް ކުރާ އަދަދަކަށް މުސްލިމުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެެ.