އެގްރޯ ނެޝަނަލް ކޯޕަރޭޝަން "އެގްރޯނެޓް" އަކީ ، ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ " ނޫ އިޤްތިޞާދު " ގެ ތަޞައްވުރަށް ވާޞިލްވުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ މަޤްޞަދަކީ ، ދަނޑުވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށް ، ޞިނާޢަތެއްގެގޮތުގައި ދަނޑުވެރިކަން ތަރައްޤީކޮށް ކޮޅަށް ޖެހުމެވެ. މި މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ، އެގްރޯނެޓުން ހިންގާ ކޮންޓްރެކްޓް ފާމިންގެ ދަށުން ، މިހާތަނަށް 773 ދަނޑުވެރީންނާއެކު ކޮންޓްރެކްޓް ކުރެވިފައި ވެއެވެ. ރާއްޖޭގައި ދަނޑުވެރިކަން ކުރެވިދާނެކަމަށް ފެންނަ ، 75 ރަށަކަށް ، މިހާތަނަށް ޒިޔާރަތްކޮށް ، 2300 އެއްހާ މީހުންނަށް ކޮންޓްރެކްޓް ފާމިންގ ގެ މައުލޫމާތު ފޯރުކޮށްދެވިފައިވެއެވެ. ކޮންޓްރެކްޓް ފާމިންގގެ ދަށުން ދަނޑުވެރިކަން ކުރުމަށްޓަކައި، ދަނޑުވެރިންނާއެކު ، އެންމެ ފުރަތަމަ ކޮންޓްރެކްޓް ، ހެދިފައިވަނީ 22 ޑިސެމްބަރު 2020 ގައެވެ. އެއީ ހައްދުންމަތީގެ ދަނޑުވެރިންނާ އެކުގައެވެ.

އެގްރޯނެޓުގެ ދަނޑުވެރިއެއްގެ ގޮތުގައި އެގްރޯނެޓްގައި ރަޖިސްޓަރީވުމަށްފަހު، ކޮންޓްރެކްޓް ފާރމިންގގެ އެއްބަސްވުން ހެދުމުން ދަނޑުވެރިޔާ ބޭނުންނަމަ، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަކެތި އެގްރޯނެޓުން އެ ދަނޑުވެރިޔަކަށް ހޯދައިދޭނެއެވެ. ދަނޑުވެރިއަކު އިންދުމަށް ކަނޑައަޅާ ބާވަތެއް ހައްދާ، ކުންފުނިން ދީފައިވާ މުއްދަތުގައި ތަކެތި ފޯރުކޮށްދިނުމުން، ކުންފުނިން އެއްބަސްވުމުގައިވާ އަގުގައި ތަކެތި ގަންނާނެއެވެ. އަދި މި މުއްދަތުގައި އެ ދަނޑުވެރިޔަކު ހައްދާ ބާވަތެއްގެ ސީޑް ނުވަތަ މުޑުވަށް އެގްރޯނެޓުން، ހިލޭ ފޯރުކޮށްދޭނެއެވެ. އަދި ކޮންޓްރެކްޓް ފާމިންގ އާއި ދަނޑުވެރިކަން ކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެއެވެ. ދަނޑުވެރިކަން ފެށުމަށްފަހު، މަސައްކަތް ދާގޮތް މޮނިޓަރކޮށް ކާނާ އަޅައި ގަސް ހެއްދުމާއި ފެންޖެހުމާ އަދި ބޭސް ބޭނުންކުރާނެގޮތުގެ ޢަމަލީ ތަމްރީން ދަނޑުވެރިންނަށް އެގްރޮނޮމިސްޓުން މެދުވެރިކޮށް ދޭނެއެވެ. އެއެއްޗެއް ކަނޑާ ހިސާބުން އެރަށަކުން، އެއެއްޗަކާ އެގްރޯނެޓުން ޙަވާލުވާނެއެވެ. ދަނޑުވެރިޔާ އެގްރޯނެޓާ ޙަވާލުކުރި ތަކެތީގެ އަގު، ބަންދުނޫން 5 ދުވަހުގެ ތެރޭގައި ދަނޑުވެރިޔާގެ އެކައުންޓަށް ޖަމާކޮށްދޭނެއެވެ.

އެގްރޯނެޓުން ދަނޑުވެރިން ފުރަތަމަ ފަހަރަށް މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތީގެ ސްޓާރޓަރ ޕެކް އަދި އޭގެ ފަހުން މެދުނުކެނޑި، ދަނޑުވެރިކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެއެވެ. މި ޕެކެޖްތަކަށް ދަނޑުވެރިޔާ ފައިސާ ދައްކާނީ ، ދަނޑުވެރިޔާ އާއި އެގްރޯނެޓަ ދެމެދު އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

ދަނޑުވެރިންނާ އެކު ކޮންޓްރެކްޓް ފާރމިންގގެ އެއްބަސްވުން ހެދުމަށް ހަމަޖެހިފައި އޮންނަނީ 2 އަހަރަށެވެ. 2 އަހަރު ދުވަސް ވަންދެން އެގްރޯނެޓާއެކު މަސައްކަތް ކުރާއިރު ، ދަނޑުވެރިޔާ ހުންނާނީ ، ރާއްޖޭގެ ދަނޑުވެރިކަމުގެ މާޙައުލަށް ހޭނި ، ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމަށް ލޯ ހުޅުވި ، ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ޢިލްމީ އަދި ފަންނީ އަސާސީ ތަޖުރިބާއާއި މަޢުލޫމާތުން ދަނޑުވެރިކަމަށް ފައްކާވެފައެވެ. ކޮންޓްރެކްޓް ފާރމިންގގެ އެއްބަސްވުމަކީ ، ދަނޑުވެރިޔާއަށް މުއްދަތު އިތުރު ކުރެވޭގޮތަށް ފަރުމާ ކުރެވިފައި އޮންނަ އެއްބަސްވުމެކެވެ.

އެގްރޯނެޓާ ގުޅިގެން މަސައްކަތްކުރާ ދަނޑުވެރިންނަކީ ، ދަނޑުވެރިކަމުގެ މައުލޫމާތާއި ހުނަރާ އަދި ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކާ ، އޮންލައިން ކޮށްނާއި ރަށްރަށަށް ދަތުރުކޮށް ، ދަނޑުވެރިކަމުގެ މައުލޫމާތު ސެޝަންތަކާއި ، މޮނިޓަރިން ދަތުރުތަކުގެ އިތުރުން ޕްރެޓްރިކަލް ޓްރެއިނިންގ ސެޝަންތައް ވަނީ ބޭއްވިފައެވެ. މި ސެޝަންތަކުގައި އެގްރޯނެޓްގެ ދަނޑުވެރިންގެ އިތުރުންވެސް އެރަށަކުން ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބައިވެރިކުރެވެއެވެ. މިގޮތުން، އެގްރޯނެޓާއެކު ދަނޑުވެރިކަންކުރުމަށް ދަނޑުވެރިން ރަޖިސްޓަރީކޮށްފައިވާ ރަށްތަކުން 1000 އަށް ވުރެ ދިނަ މީހުންނަށް ވާނީ ދަނޑުވެރިކަމުގެ އެކި ކަހަލަ ސެޝަންތައް ހިންގިފައެވެ.

އެގްރޯނެޓުން ދޫކުރާ ޕެކޭޖުގެ ދަށުން، ދަނޑުވެރިކަމުގެ މަސައްކަތް ފެށުމަށާއި ކުރިޔަށް ގެންދިއުމަށް، ދަނޑުވެރިންނަސް ބޭނުންވާ ތަކެއްޗަށް މިހާތަނަށް 5.3 މިލިއަން ރުފިޔާގެ ތަކެތި ވަނީ ދޫކުރެވިފައެވެ.

އެގްރޯނެޓްގެ ދަނޑުވެރިންގެ މަސައްކަތްތައް ބަލަހައްޓައި މޮނިޓަރކޮށް ދަނޑުވެރިންނަށް އެހީތެރިވުމަށްޓަކައި ، ރާއްޖޭގެ 25 ރަށެއްގައި ރީޖަނަލް ކޯޑިނޭޓަރުންނާއި އައިލޭންޑް ކޯޑިނޭޓަރުން މަސައްކަތް ކުރަމުން ގެންދެއެވެ. އެގްރޯނެޓްގެ ދަނޑުވެރިންގެ މަސައްކަތްތައް މޮނިޓަރކޮށް ، އެގްރޮނޮމިސްޓުންނާ ގުޅުވައިދީ ، ދިމާވާ މައްސަލަތައް ޙައްލުކޮށްދީ ، ދަނޑުވެރިން ކަނޑާ ތަކެއްޗާ އެރަށަކުން ޙަވާލުވުމަކީ ކޯޑިނޭޓަރުންގެ ޒިންމާއެކެވެ. ދަނޑުވެރިން ހައްދާ ބާވަތްތައް ކުންފުނީގެ މިންގަނޑުތަކަށް ފެތޭނަމަ، ކުންފުނީގެ މުވައްޒަފުން ބެލުމަށްފަހު އެ ރަށަކުން އެތަކެއްޗާ ޙަވާލުވާނެއެވެ. މާލޭގެ ބާޒާރުގައި ކޮންމެ އަގެއް ހުއްޓަސް އެގްރޯނެޓާއެކު އެއްބަސްވެފައި އޮންނަ އަގު އެގްރޯނެޓުން ދަނޑުވެރިޔާއަށް ދޭނެއެވެ. އެ ރަށުން އެތަކެއްޗާ އެގްރޯނެޓުން ހަވާލުވާ ހިސާބުން ދަނޑުވެރިޔާގެ ޒިންމާ ނިމިގެންދާނެއެވެ. އަދި މާކެޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުންފުނިން ކުރިއަށްގެންދާނެއެވެ.

އެގްރޯނެޓްގެ ދަނޑުވެރިން އުފައްދާ ތަކެއްޗަށް، މިހާތަނަށް 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދަކަށް ފައިސާ ދޫކުރެވިފައި ވެއެވެ. އާންމުގޮތެއްގައި ، ދަނޑުވެރިން އަތުން ގަންނަ ތަކެއްޗަށްވާ ފައިސާ ، އެތަކެއްޗާ އެގްރޯނެޓުން ޙަވާލުވާތާ ބަންދުނޫން 5 ދުވަސްތެރޭ ވާނީ އެފަރާތެއްގެ އެކައުންޓަށް ޖަމާކުރެވެއެވެ.

ޖަޕާނު ސަރުކާރުގެ އެހީގެ ދަށުން ޔޫ.އެން.ޑީ.ޕީ އިން ކުރިއަށް ގެންދިޔަ ސީޑްސް ޕްރޮޖެކްޓްގެ ތެރެއިން ، ދަނޑުވެރިންގެ މަސައްކަތަށް ޚާއްޞަ އެޕްލިކޭޝަނެއް އެގްރޯނެޓުން ވަނީ ތަޢާރުފް ކޮށްފައެވެ. " ގޮވާން އެޕް " ގެ ނަމުގައި އުފެއްދި މި އެޕް ، އެގްރޯނެޓުން މިހާރު ގެންދަނީ ބޭނުން ކުރަމުންނެވެ. ދަނޑުވެރިއަކާއެކު ކޮންޓްރެކްޓް ހެދުމަށްފަހު ، އެ ދަނޑުވެރިޔާގެ މަސައްކަތްކުރިއަށް ދާގޮތް ބަލައި ، ހުރިހާ މަޢުލޫމާތެއް ރެކޯޑުކުރެވޭނެއެވެ. ދަނޑުގެ ބޮޑުމިނާއި ހައްދާ ބާވަތާ އަދި ، ދަނޑުން ލިބޭނެކަމަށް ލަފާކުރާ ޢަދަދާއި ، ލިބޭނެ މުއްދަތު ފަދަ މުހިންމު އެތައް މައުލޫމާތެއް މިއެޕްގައި ބެލެން ހުންނާނެއެވެ.