މާލެ ސިޓީގެ މޭޔަރ ކަމުން ޑރ. މުހައްމަދު މުއިއްޒު މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވިކަން އެމަނިކުފާނު ހާމަކުރައްވާ ފައިވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު މޭޔަރުކަމުން އިސްތިއުފާ ދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އެމަނިކުފާނު އިންތިޚާ ކުރެއްވުމާ ގުޅިގެންނެވެ. ރައީސް ކަމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އޮންނާނެއެވެ. އެމަނިކުފާނު ހުވައި ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން މިއަދު ބާއްވާ ޖަލްސާގައެވެ.
އެމަނިކުފާނު މޭޔަރަކަށް ހުންނެވިއިރު "މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އަޅުގަނޑަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މާލެ ސިޓީގެ ރައްޔިތުން އެމަނިކުފާނު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ވެސް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. "މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ޙާސިލް ކޮށްދިނުމުގައި ވަރުގަދަ ޢަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާއެކު، އެ އުއްމީދުތައް ޙަޤީޤަތަކަށް ހަދައިދޭނަން،" ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.