ކެންޔާގެ ޕާލަމެންޓުން އެގައުމުގެ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހައިކޯޓުގައި ދައުވާ ކޮށްފިއެވެ. ކެންޔާގެ އުއްތަމަ ފަނޑިޔާރު ވަނީ 11 ވަނަ ދައުރުގެ ޕާލަމެންޓުން އަންހެނުންނަށް ގޮނޑިތަކެއް ޚާއްސަ ކުރަން އަމުރެއް ނެރުއްވާފައެވެ. 12 ވަނަ ދައުރުގެ ޕާލަމެންޓުންވެސް މި އަމުރަށް އަމަލު ނުކުރުމުން، އުއްތަމަ ފަނޑިޔާރު މަރާގާ ވަނީ، ޕާލަމެންޓް އުވާލުމަށް ރައީސް އުހުރު ކެންޔާޓާއަށް މަޝްވަރާ ދެއްވާފައެވެ.

ޕާލަމެންޓްގެ ދެ ގޭގެ ވެރިން ހައިކޯޓަށް ދައުވާ ހުށަހަޅާފައި އުއްތަމަ ފަނޑިޔާރާއި ބަންޑާރަ ނާއިބަށް ދައުވާ ލިބޭ ގޮތަށެވެ.

ޗީފް ޖަސްޓިސް ޑޭވިޑް މަރާގާ މަގާމާ ހަވާލުވެ ވަޑައިގަތީ 2016 ވަނަ އަހަރުއެވެ.

ޕާލަމެންޓުން ބުނަނީ ގާނޫނު ހެދުމުގެ ބާރުގެ ތެރެއަށް އުއްތަމަ ފަނޑިޔާރަށް ނުވެންނެވޭނެ ކަމަށާއި ގާނޫނުއަސާސީން ޕާލަމެންޓް ހޮވާފައިވަނީ ވަކި މުއްދަތަކަށް ކަމުން ދައުލަތުގެ އެއްވެސް ބާރަކުން އަނެއް ބާރު އުވައެއް ނުލެވޭނެ ކަމުގައެވެ.

ޕާލަމެންޓަށް ހުށަހަޅާފައިވާ ދައުވާގައި މި ބޭފުޅުން އެދިވަޑައިގެންފައިވަނީ ޕާލަމެންޓް އުވާލުމުގެ ފިޔަވަޅުތައް ހުއްޓުވައި ދެއްވުމަށެވެ.

ކެންޔާގެ ޕާލަމެންޓްގެ މުއްދަތު ހަމަވާނީ 2022 އަށެވެ.

ކެންޔާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އަންހެނުންނަށް ޕާލަމެންޓްގެ ތިން ބައިކުޅަ އެއް ބައި ގޮނޑި ހަމަޖެއްސުމަށް ގާނޫނެއް ފާސްކުރުމަށެވެ. މި ކަމުގައި ފަހަތު ފަޔަށް ބުރަވަމުން، ޕާލަމެންޓުން ބަހުސްކުރަނީ މިކަން ކުރެވޭނީ ގާނޫނަކުން ތޯ ނުވަތަ ގާނޫނުއަސާސީ އިސްލާހުކޮށްގެން ތޯއެވެ.

ކެންޔާގައި އަންހެނުންގެ ހައްގަށް މަސައްކަތް ކުރުން އައު ރޫހެއްގައި މިދުވަސްވަރު އިތުރު ވެފައިވެއެވެ.

އަންހެން ކުދިން ޚިތާނު ކުރުމާ ދެކޮޅަށް ކެންޔާގައި ފަށާފައިވާ މަސައްކަތުގައި ސަރުކާރުން ވަނީ އެކަން ހުއްޓުވުމަށް އެދާދަ އެންމެ ބޮޑަށް އަށަގެންފައިވާ ސަރަހައްދުތަކުގެ ގަބީލާގެ ވެރިން ކެމްޕޭންގައި ބައިވެރިކޮށްފައެވެ.

އެމީހުން ނިންމާފައި ވަނީ އަންހެން ކުދިން ޚިތާނު ކުރުމަކީ ސަގާފީ ކަމެއް ކަމަށް ބަލައި ނުގަނެވޭނެ ކަމަށާއި އެއީ ޖަރީމާއެއް ކަމަށެވެ. އަދި އެމީހުން މެދުވެރިކޮށް މީހުން ހޭލުންތެރިކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.