ޒަމާނީ އިލްމުތަކާއި ޓެކްނޮލޮޖީ ދިވެހި މަސައްކަތްތެރިންނާ ރައްޓެހި ރަހްމަތްތެރި ކޮށްދެއްވައި ވަރަށް އަވަހަށް މަސްވެރިންނާއި ދަނޑުވެރިންނަށް އާމްދަނީއާއި ހުނަރު އިތުރުކޮށްދެއްވުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތައާރަފް ކޮށްދެއްވާނެކަމަށް ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ގައުމާއި ދިވެހި ރައްޔިތުންނާ މުހާތަބް ކުރައްވަމުންނެނެވެ.
މަސައްކަތްތެރި އަތްތަކަކީ ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރު ކަމަށާއި ހަތަރުހާސް އަހަރުވީ ދިވެހިތާރީހުގައި ދިވެހިންގެ ބަނޑުފުރާނަ މުއްތިކުރުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއްބަޔަކީ މަސްވެރިންނާއި ދަނޑުވެރިން ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
އަދިވެސް އެކަން އޮތީ އެހެންކަން ފާހަގަކުރައްވައި ޑރ މުއިއްޒު ވިދާޅުވީ މަސްވެރިކަމާއިދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާން ކުރުން ފަދަ މަސައްކަތްތެރިކަމަށް ވަރަށް އިސްކަން ދެއްވާނެ ކަމަށެވެ. އެކަންކަމާއި ޒަމާނީ އިލްމުތަކާއި ޓެކްނޮލޮޖީއާ ރަހްމަތްތެރި ކޮށްދެއްވާނެކަމަށެވެ.
ދުނިޔޭގައި ކުރިއަރާފައިވާ އެންމެ ފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތައާރަފް ކޮށްދެއްވައި އާމްދަނީ އާއި ހުނަރު އިތުރުކޮށްދެއްވުން މާ ލަސްތަކެއް ނުވެ މަސްވެރިންނާއި ދަނޑުވެރިން އަމިއްލައަށްވެސް ތަޖުރިބާ ކުރައްވާނެކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.