ދިވެހިރާއްޖޭގެ ހަތްވަނަ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވައި މިއަދު މަގާމުގެ މުއްދަތު ހަމަކުރައްވައި ވެރިކަމުން ފައިބާ ވަޑައިގެންނެވި އިބްރާހީމް މުހައްމަދު ސާލިހަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވި ވެރިއެއް ކަމަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެޕާޓީން މިހެން ބުނެފައިވަނީ އެމަނިކުފާނު ކޮށްދެއްވި ވެރިކަމަށް ޝުކުރު އަދާކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އެޕާޓީން ވަނީ 2018 ވަނަ އަހަރު ދިވެހިރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންތިހާބުކުރެއްވުމަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީއަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން 2018 ން 2023 އަށް ނިމިގެން މިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެވި އަދި ރައްޔިތުންގެ ހައްގުތަކާއި ގައުމުގެ ތަރައްގީއަށާއި ގައުމުގެ އެކި އެކި ދާއިރާތަކަށް ގެންނެވި އިންގިލާބީ ހެޔޮ ބަދަލުތަކާއި ކޮވިޑްގެ އާލަމީ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށާއި އިގަތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކޮށްދެއްވި ބުރަ އަދި އަގުހުރި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާނެ މަސައްކަތްތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.

"މިއަދު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުހައްމަދު މުއިއްޒުއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މަރުހަބާ ދަންނަވަމެވެ. އެ މަނިކުފާނު އެ މަގާމާ ހަވާލުވެވަޑައިގެންނެވުމާއެކު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެގެންދާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ،"