ހިމޭން ރީތި މިންގަނޑުތަކުގެ އެހީގައި، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ގައުމާ މުހާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައެވެ. މި ތަގުރީރު ދެއްވާފައި ވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވެވި ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް ކަމަށާއި، އެހެންކަމުން، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް ވުރެ ބޮޑަށް އެމަނިކުފާނު އެހެން އެއްވެސް ގައުމަކަށް އިސްކަން ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ. އެހެން ނަމަވެސް، ރައީސް ވިދާޅުވީ، އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ގައުމުތަކަށްވެސް އިޙްތިރާމްކުރައްވާނެ ކަމަށާއި، ގައުމުތަކާއެކު ރަހްމަތްތެރި ގުޅުން ވެސް ބާއްވަވާނެ ކަމުގައެވެ. އަދި އެހެން ގައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ އިމަށް، ދިވެހި ދައުލަތުން ފުރިހަމަޔަށް އިހްތިރާމް ކުރައްވާނެކަމުގައި ވިދާޅުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހަމަ މިފަދައިން ދިވެހި ދައުލަތުގެ ސިޔާދަތީ އިން ރައްކާތެރިކުރުމުގެ ހައްގު އޮންނަންވާނެ ކަންވެސް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް، މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ދެމި ތިބެގެން ކަމަށާއި އަދި، މި ރާއްޖެ ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިޞްލާޙުކުރުމުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.