ދިވެހިރާއްޖޭގެ ވެރިކަމާ މިއަދު ހަވާލުވެ ވަޑައިގެންނެވި އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅަކީ ގައުމީރޫހު އާލާވި ވާހަކަފުޅެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރީސް މައުމޫން ވިދާޅުވެއްޖެއެވެ.
އައު ރައީސް ޑރ. މުޢިއްޒަށް މަރުހަބާ ވިދާޅުވެ ފާރިސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހުވާ މިއަދު ކުރެއްވި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާއާއި ތަހުނިޔާ ދަންނަވަން،" ކަމަށެވެ.
އެމަނިކުފާނު ޤައުމާ މުޚާތަބު ކުރައްވާ މިއަދު ދެއްކެވި ވާހަކަފުޅަކީ އުންމީދުން ފުރިގެންވާ ޤައުމީ ރޫޙު އާލާވި ވާހަކަފުޅެއް ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފައެވެ. "މާތް الله މަނިކުފާނަށް ހެޔޮ މަގު ދައްކަވައި މަނިކުފާނުގެ ވަޢުދުތައް ފުއްދެވުމުގައި ހެޔޮ ތަޢުފީޤު މިންވަރު ކުރައްވާށި،" ފާރިސް ވިދާޅުވިއެވެ.
ޑރ. މުޢިއްޒަކީ ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލް ޖުމްހޫރިއްޔާއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައެވެ.