ވިލާކޮލެޖުން ޕީއެޗުޑީއަށް ކިޔަވައި ނުދެވިގެން އުޅެނީ އެތަން ޔުނިވަރސިޓީގެ ނަމަށް ބަދަލު ނުވެގެން ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
އެ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ ކޮލެޖުގެ ނަން ޔުނިވަރސިޓީއަކަށް ބަދަލު ކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މިހާރުވަނީ ކަމާބެހޭ ފަރާތަށް ހުށަހަޅާފައި ކަމަށެވެ. އެ ލިޔުންތައް ހުށަހެޅި ފަހުން ވެސް މިހާރު ދެ އަހަރު ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ވިލާކޮލެޖު ޔުނިވަރސިޓީއަކަށް ވުމުގެ އުންމީދުގައި. އަޅުގަނޑުމެން ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ވެސް ހުށަހަޅާފައިވާނީ. މި ލިޔުންތައް ހުށަހެޅި ފަހުން ދެއަހަރު މިވީ. އަޅުގަނޑު އުންމީދު ކުރަނީ ޤާނޫނު ވެސް މަޖިލީހަށް ގޮސް އޮތީމައި އެ ޤާނޫނު ވެސް ނިމުނީމައި އިތުރަށް މިކަމަށް މަގު ފަހިވެގެންދާނެ ކަމަށް،" ޑރ. އަންވަރު ވިދާޅުވިއެވެ.
ވިލާކޮލެޖާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ކޮމިޔުނިޓީ އެންގޭޖުމެންޓް ސްކޮލަރޝިޕް ޙަވާލު ކުރުމަށް އައްޑޫ ސިޓީކައުންސިލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަޙުމަދު އަންވަރު ވިދާޅުވީ ވިލާކޮލެޖު ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެ ކޮލެޖުން ކުރަންޖެހޭ ކަމެއް ނުކޮށް ނޯންނާނެ ކަމަށެވެ. އެކަމުގެ ޔަޤީންކަން އެންމެހާ ފަރާތްތަކަށް ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. އަންވަރު ވިދާޅުވީ ނަން ބަދަލު ނުވިޔަސް އެއީ އެ ކޮލެޖުން ހިންގާ ޕްރޮގްރާމްތަކަށް އެއްވެސް ހުރަހެއް އެޅޭނެ ކަމެއްނޫން ކަމަށެވެ.
މިހާރު އެ ކޮލެޖުން އެންމެ މައްޗަށް ކިޔަވައިދެނީ މާސްޓަރސް އާ ހިސާބަށެވެ. އެއަށްވުރެ މައްޗަށް އަދި ކިޔަވައި ނުދެވެއެވެ. "ނަމުގެ ސަބަބަބުން އެކަމަށް ހުރަސް އެޅިފައިވަނީ. މީގެ މަތީދަރަޖަ ނަންނުކިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެޅިފައިވާ ހުރަހަކީ ކުދިންނަށް ޕީއެޗުޑީ ދެވޭނޭ ފުރުސަތު މިވަގުތު އަދި ތަނަވަސް ވެފައިނެތުން. އެކަމަކު އެކަން ވެސް ވެވޭނެގޮތް ވާނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އަންވަރު ވިދާޅުވިއެވެ.
ޑރ. އަންވަރު ވިދާޅުވީ ޕީއެޗުޑީއަށް ކިޔަވައި ދެވޭ ފެންވަރުގެ ޤާބިލް ލެކްޗަރާއިން ވިލާކޮލެހުގައި މިހާރުވެސް އެބަތިބި ކަމަށެވެ.