ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ މުއިއްޒު ދެއްކެވި ވާހަކަފުޅު ގައުމީ އަސަރުން ފުރިގެންވި އިރު، އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ދިވެހި ގައުމީ ދިދައާ މުހާތަބު ކުރައްވައިފިއެވެ.
އެގޮތުން އެ ދިވެހި ދިދަ ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ކަމަށާއި މިނިވަންކަމުގެ ދިދަކަން ފާހަގަކުރައްވައި އެކަން ދައްކައިދިނުމަށްޓަަކައި އަތްވާއި ވާރޭގައި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށާއި އެކަމުން ބުނެދެނީ މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.
ދިވެހި ދިދައިގެ ކުލަތައް އެތުރިފައި ހުންނަ ވަކި މިންތަކާއި އިންތަކުން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު ވަކި ގޮތަކަށް ތަރުތީބުވެގެން ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެހެންކަމުން ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅިލާމެހި އެކުވެރިވެ، އެހީތެރިވެ، ރަނގަޅު ކަންކަން ދިރުވުމުގައްޔާއި ނުރަނގަޅު ކަންކަން އިސްލާހުކުރުމުގައި އެކަކު އަނެކަކަށް އެއްބާރުލުން ދީގެންކަން އެ ދިވެހި ދިދަ ހަނދާންކޮށްދޭ ކަމަށް ވިދާޅުވިއެވެ.