ދިވެހިރާއްޖޭގެ އަށްވަނަ ރައީސް، އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފަންވެ ވަޑައިގެންނެވި 1978 ވަނަ އަހަރުގެ ޖޫންމަހު 15 ގައެވެ.

ދިވެހި ރައްޔިތުންގެ ރުހުމާއި ތާއީދާއެކު އެމަނިކުފާނަށް ވޯޓު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރެއްވީ އެމަނިކުފާނަށް ކުރެއްވި އަދި ކުރައްވާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު ދެއްވި ފުރަތަމަ ޚިތާބު ވެގެން ދިޔައީ ރައްޔިތުންނަށް އުންމީދާއި އުފާވެރިކަން ގެނެސްދިން ޚިތާބަކަށެވެ.

ޑރ. މުއިއްޒުގެ ބައްޕާފުޅަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވި އަލްމަރުޙޫމް ހުސައިން އަބްދުއްރަހްމާނެވެ. ރައީސް ޑރ. މުއިއްޒަކީ ޝައިޚް ހުސައިން ޢަބްދުއްރަހުމާނުގެ ހަމައެކަނި ދަރިކަލުންނެވެ.

ތަޢުލީމް ހާސިލް ކުރައްވަމުން ގެންދެވި ދުވަސްވަރުު ރައީސް ޑރ. މުއިއްޒަކީ ތައުލީމީ ގޮތުން އަބަދުވެސް މަތީ ވަނަތަކެއް ހޯއްދެވި ބޭފުޅެކެވެ. ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ، ސްޓްރަކްޗަރަލް އިންޖިނިއަރިންގެ ދާއިރާއިން ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަނުންނެވެ. އެމަނިކުފާނު ޕީއެޗްޑީ ހާސިލްކުރެއްވީ ސިވިލް އިންޖިނިއަރިންގެ ދާއިރާއިންނެވެ. ޕީއެޗްޑީ ހާސިލްކުރެއްވެވީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ލީޑްސްއިންނެވެ.

އެމަނިކުފާނު ސިޔާސީ ހަޔާތްޕުޅު ފެށްޓެވީ އަދާލަތު ޕާޓީންނެވެ. އެމަނިކުފާނު އާންމުންނަށް ފާހަގަވީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ފެބްރުއަރީ 7، 2012 ގައި ހައުސިން މިނިސްޓަރަކަށް އައްޔަން ކުރެއްވި ހިސާބުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ރާއްޖޭގެ ފަސްޓްލޭޑީ އަކީ ސާޖިދާ މުހައްމަދުއެވެ. ރައީސްގެ ދެ ކަނބަލުންނަށް ލިބިވަޑައިގެންފައި ވަނީ އަންހެން ބޭފުޅަކާއި ދެ ފިިރިހެން ބޭފުޅުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑރ. މުއިއްޒު ވަނީ ހައުސިން މިނިސްޓަރުކަން ކުރައްވައިފައެވެ. އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުގައި ރާއްޖެ ވަނީ އުމްރާނީ ގޮތުން އެތައް ކުރިއެރުންތަކެއް ހޯއްދަވައިފައެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމަށްފަހު، ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ ވާދަކުރެއްވީ އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޭރު އޮތް މާލޭގެ މޭޔަރު ކަމަށެވެ. އެންމެން ހައިރާންކޮށްލުމަށްފަހު ބޮޑު އަޣުލަބިއްޔަތަކުން މާލޭގެ މޭޔަރުގެ މަގާމުވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ފުރަތަމަ ފަހަރަށް ހޯއްދަވައިދެއްވިއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ސާފު އަޣުލަބިއްޔަތުވެސް ހޯއްދެވި އެވެ. މާލޭގެ މޭޔަރު ކަމަށް އޭޕްރީލް، 2021 ގައި އިންތިހާބުވުމަށްފަހު ޑރ. މުއިއްޒު މިއަދު ވަނީ އެމަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1998 ވަނަ އަހަރުގެ މާރިޗްމަހުއެވެ. އަދާކުރެއްވި ފުރަތަމަ ވަޒީފާއަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ ޕްލޭނިންގ ޓެކްނީޝަން ޓްރޭނީއެއްގެ މަޤާމެވެ. ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އަމިއްލަ ބައެއް ކުންފުނިތަކުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތްކުރެއްވިއެވެ. އަދި ސިޔާސީ ބައެއް ޕާޓީތަކުގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީމަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް، ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ޢުމްރާނީ ތަރައްޤީގެ ދާއިރާގެ ވަޒީރުކަމުގެ މަޤާމު އެމަނިކުފާނު ފުރުއްވި އަހަރުތަކަކީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުނު ދުވަސްތަކެވެ. އަދި އެންމެ އުސް ޢިމާރާތްތަކާ އެންމެ ބިޔަ ޢުމްރާނީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދިޔަ ދުވަސްތައްވެސް މެއެވެ.

މާލެ ސިޓީގެ މޭޔަރުކަމުގައި އެމަނިކުފާނު ހޭދަކުރެއްވި 2 އަހަރާ 6 މަސްދުވަހުގެ ތެރޭގައި މާލެ ސިޓީ ފެހިކޮށް ޗާލުކޮށް، ރައްޔިތުން އެދޭ އަމާޒަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި ދިވެހީންގެ މިނިވަންކަން ކަށަވަރުކޮށްދެއްވައި، ރައްޔިތުންގެ މެދުގައި އިންސާފާ ހަމަހަމަކަން ޤާއިމުކޮށްދެއްވާނޭ ކަމަށެވެ. އޭގެ އިތުރުން އިސްލާމްދީނާ ޤައުމިއްޔަތުގެ އަސާސްތައް ނަގަހައްޓަވައި، ގެދޮރުވެރިކަން ޔަޤީންކޮށްދެއްވާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ތަރައްޤީގެ އައު ޒަމާނެއް ދިވެހި ޤައުމަށް ގެނެސްދެއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް ވަނީ ރިޔާސީ ކެމްޕޭނުގައި އިޢުލާނު ކުރައްވައިފައެވެ.

މިއަދު ހުވާ ކުރެއްވި ވަގުތު ރައީސް ޑރ. މުއިއްޒު ވިދާޅުވި ކޮންމެ ބަސްފުޅަކުން އެމަނިކުފާނު ގައުމާއި ދިވެހި ފަސްގަނޑާއި ދިވެހިރައްޔިތުންނަށް ލޯތްބާއި ގަދަރު ކުރައްވާ ވަރު ހާމަވެ އެނގިގެންދިޔައެވެ. ޚާއްސަކޮށް އެމަނިކުފާނު ދިވެހި ދިދައަށް އެކުރެއްވި އިޝާރާތާއި އެވިދާޅުވި ބަސްފުޅުތަކުން ދިވެހި ހިތްތައް ފަތަހަ ކުރެއްވި ފަދައެވެ. ދިވެހިރާއްޖެއަށް ފަހިފެހި އަމާން އޮމާން، ފާގަތި މުސްތަގްބަލެއް ގެނެސްދެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހިތްވަރުފުޅާއި މަސައްކަތްޕުޅު ކާމިޔާބުކޮށްދެއްވާށިއެވެ. އެމަނިކުފާނަށް ބޭނުންފުޅުވަނީ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލެއްވުމެވެ.