ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ޖެންޑާ މިނިސްޓަރ، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ކަމަށް ޑރ. އައިޝަތު ޝިހާމް އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޑރ. އައިޝަތު ޝިހާމް އައްޔަންކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ވަޒީރުން އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ޑރ އައިޝަތު ޝިހާމް ވަނީ ކެބިނެޓް ހުވާ ކުރަައްވާފައެވެ.

ޑރ. ޢާއިޝަތު ޝިހާމް ޤައުމީ ޚިދުމަތަށް ނުކުމެވެޑައިގަތީ ޓީޗަރެއްގެ ގޮތުގައި 1983 ވަނަ އަހަރުއެވެ. އެޑިޔުކޭޝަން މިނިސްޓަރުކަމުގެ މަޤާމުގެ އިތުރުން، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަމުގެ މަޤާމުވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.

އަދި މިނިސްޓްރީ އޮފް ވިމެންސް އެފެއަރޒް އެންޑް ސޯޝަލް ސެކިއުރިޓީގެ އިސް މަޤާމުތަކުގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވިއެވެ.

ޑރ އައިޝަތު ޝިހާމް މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީ ކައުންސެލިންގ އަދި ސައިކޮލޮޖީގެ ރޮނގުންނެވެ. ސައިކޮލޮޖީގެ ރޮނގުން ޑޮކްޓަރ އޮފް ފިލޯސަފީ އެކަމަނާ ޙާޞިލްކުރެއްވީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލް ގައެވެ.