ދިވެހި ދައުލަތާ ހަވާލުވާއިރު، ދައުލަތުގެ ދަރަނި ވަނީ އެކުޖުމުލަ 119 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށް އައު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު ދެވި ފުރަތަމަ ޚިތާބުގައި ވިދާޅުވީ މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަނި ކަމަށެވެ. އެކަން އެހެން އޮތަސް މިކަންކަމުން އަރައިގަތުމަށްޓަކައި ނިކަން ހަރުދަނާ، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކުރިމަތީގައި އިތުބާރާއެކު އެމަނިކުފާނު ހުއްޓިި ހުންނެވީ "ނިކަން ޚުޠޫރަތްތެރި ވަޅުގަނޑެއްގެ ތުންފަތްމަތީގައި. އެއީ، ތިޔަބޭފުޅުންގެ އުންމީދުތަކާއި އަޅުގަނޑު އެކުލަވައިލާ ސަރުކާރުގެ ވާޖިބުތައް އަދާކުރުމާ، މި ދެމެދުގައި އޮތް ވަޅުގަނޑެއް. މި ދަންނަވާ ވަޅުގަނޑަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ވެއްޓިފައި މި އޮތް ފުން އަނދަވަޅު،" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދު މިވަނީ، ކުއްލި އަވަސް ފަރުވާޔަށް ބޭނުންވެފައި ކަމަށެވެ. ރާއްޖެއަށް އާމްދަނީ ލިބޭނެ އަވަސް މަގުތައް ހޯދުން ކޮންމެހެން ލާޒިމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. "އެކަމަށްޓަކައި އިރާދަކުރެއްވިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢު ނިންމައި، ޒަމާނީ އާ ޓަރމިނަލް ވަރަށް އަވަހަށް ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް ކުރެއްވުމުން ފަތުރުވެރިކަމަށް ވަރަށް ބޮޑު ތިޔާގިކަމެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "މިހާރު ރާއްޖެ އަންނަ ފަތުރުވެރީންގެ އެތައް ގުނައެއް އިތުރަށް، ފަތުރުވެރީން ރާއްޖެ އަންނާނެ. މީގެ އިތުރަށް، ޚަރަދު ކުޑަކުރެވޭނެ އާ ގޮތްތައް އީޖާދުކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.