ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ކުރުނބާ މޯލްޑިވްސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ގާނޫނީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމުން އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. އަދި ސްރީލަންކާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުމަކީ ދެ ގައުމުގެ ގާތްގުޅުން ދައްކުވައިދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ސްރީލަންކާގެ ރައީސް ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެގައުމުގެ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މިގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން ދެބޭފުޅުން ވަނީ ތަޢުލީމީ ދާއިރާއާ ގުޅޭގޮތުންނާއި އަށާރައަރުން ދަށުގެ ކިޔަވާކުދިންނަށް ވިސާ ލިބުމުގައި ލުއިފަސޭހަގޮތްތައް ހަމަޖެއްސުމާ ގުޅޭގޮތުންނާއި އިޤްތިޞާދު އާރާސްތުކުރުމަށް ކުރެވޭ މަސައްކަތްތައް ހިމެނޭހެން ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ސްރީލަންކާގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފަސޭހަފުޅު ވަގުތެއްގައި ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއްކުރެއްވުމަށް ދަޢުވަތު އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދަޢުވަތު ޤަބޫލުފުޅުކުރައްވާފައެވެ.