ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރީންނަށް ގެދޮރުވެރިކަން ފަދަ، ދިރިއުޅުމުގެ ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވާނޭ ކަމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްކަމުގެ ގާނޫނީ ހުވައި ކުރެއްވުމަށްފަހު އެމަނިކުފާނު ދެއްވު ފުރަތަމަ ތަގުރީރުގައި ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުސް އެއް ތަނބަކީ ފަތުރުވެރިކަން ކަމަށެވެ. "ދިވެހި ބިމުގެ ރަންފަރުބަދަތަކަކީ، ޖަވާހިރުތަކަކީ ރީތި ހިމުން ދޮންވެލީގެ ތުނޑިތައް. ހިތްގައިމު މޫދުތައް. އަޅުގަނޑުމެންގެ ފަތުރުވެރިކަން ބިނާވެފައި ވަނީ، މި ވަސީލަތްތަކުގެ މައްޗަށް،" ކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ނަފާ ފަރުދީ ފެންވަރުގައްޔާއި، އާއިލީ ފެންވަރުގައްޔާއި އަދި ޤައުމީ ފެންވަރުގައި ދިވެހި އެތައް ޢާއިލާއަކަށް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އެ ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކުރާނަން. ފަތުރުވެރިކަމާ ގުޅުންހުރި ޒަމާނީ އާ ގޮތްތައް ތަޢާރުފުކުރާނަން،" ރައީސް ވިދާޅުވިއެވެ.