ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް، ކާމިޔާބީއަށް އެދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު އޮފީހުން ނިކުމެވަޑައިގަތީ އާ ފޮރިން މިނިސްޓަރު ޒަމީރަށް ތަހުނިޔާގެ ސިޓީފުޅެއް ދޫކުރެއްވުމަށް ފަހު ކަމަށެވެ. ޝާހިދު ވަނީ އެ ސިޓީ ސޯޝަލްމީޑިއާގައި ހިއްސާވެސް ކުރައްވާފައެވެ.
ޝާހިދުގެ ސިޓީގައި ވަނީ މިނިސްޓަރު ޒަމީރަށް ތަހުނީއާއި މުބާރަކު ބާދީ ދަންނަވާފައެވެ. އަދި ވިދާޅުވީ ފޮރިން މިނިސްޓްރީއަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް މުވައްސަސާއެއް ކަމަށާއި، މިހާރު އެ މުވައްސަސާ ހިނގަމުންދަނީ ގާނޫނެއްގެ ދަށުން ކަމަށެވެ.
އަދި އެ ވުޒާރާގެ ވަޒީރުކަމުގެ މަގާމަށް ޒަމީރަކީ ނުހަނު ގާބިލް އަދި ހަމައެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
ޝާހިދު ސިޓީގައި އިތުރަށް ވިދާޅުވީ ހާރިޖިއްޔާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ ޕްރޮފެޝަނަލް، ކަމަށް ގާބިލު ހިވާގި އިހްލާސްތެރި މުވައްޒަފުންކަމަށެވެ. އަދި ހާރިޖީ ދާއިރާއިން ހޯދިފައިވާ ކުރިއެރުމެއްވާނަމަ އެކުރިއެރުމެއް ހޯދިފައިވަނީ މި ޓީމުގެ ސަބަބުން ކަމަށެވެ.
މީގެއިތުރުން ރާއްޖެ ބައިނަލްއަގްވާމީ އާއުސްމިންތަކަށް ގެންގޮސްދޭނެކަމަށް މިނިސްޓަރުގެ ލީޑާޝިޕްގެ ދަށުން ޔަގީންކުރާ ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
ޒަމީރަކީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.