ސައޫދީ އަރަބިއްޔާގެ ހާއްސަ މަންދޫބު، މިނިސްޓަރ އޮފް އިކޮނޮމީ އެންޑް ޕްލޭނިންގ، ފައިސަލް ބިން ފާދިލް އަލްއިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އިއްޔެ ކުރިއަށްދިޔަ ރައީސުލްޖުމްހޫރިއްޔާ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވިކަމަށްޓަކައި މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒް އާލްސައުދަށް ހެޔޮއެދުންތައް ފޮނުއްވައި، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރ ފައިސަލް ބިން ފާދިލް އަލްއިބްރާހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުއިއްޒު މަގާމާ ޙަވާލުވެވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.

ސައޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މި ދެބޭފުޅުން ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސާދީ ދާއިރާ ފަދަ އިގްތިސާދު ތަރައްގީކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރެވެމުންދާ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގައި ވިދާޅުވެ، މެދުއިރުމަތީގެ ހަމަޖެހުމަށް އިސްކަންދެއްވައި، ހާއްސަކޮށް ފަލަސްޓީނުގައި ސުލްހަ ގާއިމުކުރުމަށް ސައޫދީ އަރަބިއްޔާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.