ފަރުޟު ފަސްވަގުތުގެ ބަންގީގެ އަޑު އިވޭގޮތަށް ފަރުމާކޮށް މާފަންނު ގަޑިބުރު އަލުން ހުޅުވައިފިއެވެ. ގަޑިބުރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވަނީ މާލޭޭސިޓީ ކައުންސިލާއި ހައިނިއާ މޯލްޑިވްސް އާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ޒަމާނީ ފެންވަރަށް ގަޑިބުރު ތަރައްގީ ކުރުމަށްފަހު އަލުން ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުއިއްޒު ގަޑިބުރު އިފްތިތާހުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު އިރުޝާދު ދެއްވީ ކުރިން އެ ތަނުގައި ބެހެއްޓި ގަޑިއާ އެއްގޮތަށް އަދި ޑިޖިޓަލައިޒްކޮށް ޒަމާނީ ގޮތެއްގައި ގަޑި ބުރު ހެދުމަށް ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި ގަޑިބުރުން ފަސް ވަގުތު ބަންގި ގޮވާ އަޑު ވެސް އިވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެއާއެކު މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު މެސެޖުތައްވެސް ގަޑިބުރުގެ ސްކްރީނުން ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަޑިބުރުގައި ހުންނަ ސްކްރީނުގައި އެކިކަހަލަ އިޝްތިހާރު ޖަހަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ. އައު ގަޑިބުރު ފަރުމާކޮށްފައިވަނީ އޭގެ ފައިދާ ވީހާވެސް ގިނަ ބަޔަކަށް ލިބިގެންދާނެ ފަދަ ޒަމާނީ ގޮތަކަށެވެ. އަދި މާޒީ އިޔާދަކޮށްދިނުމަކީވެސް އެއް ބޭނުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މާޒީ އިޔާދަކޮށް ތާރީހާއި ސަގާފަތު އިޔާދަކުރުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައިވެސް ކުރަމުން އަންނަ ކަމެއް ކަމުގައި ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ކުރީގައި ކުރެވިފައި ހުންނަ މިފަދަ ކަންތައްތައް އަނބުރާ ގެނައުމަކީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައިވެސް އެކަންކުރާ ގޮތް ކަމަށެވެ.