''ސެލް މަދަހަ ޗެލެންޖް 1445" ފަށަން ހަމަޖެހިފައިވާ ކަމަށް މ. މުލަކަށް ނިސްބަތްވާ ޖަމިއްޔާއެއްކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިވެންޓް ކޯޑިނޭޓަރ ޝާމިލް މުހައްމަދު ވިދާޅުވެއްޖެއެވެ.

''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން ޝާމިލް ވިދާޅުވީ މިއީ އެ ޖަމިއްޔާއާއި މުލަކު ސްކޫލުގެ އިސްލާމީ ނޫރާއި ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ފަށާނީ މިމަހު 23 ގައި ކަމަށްވެސް ވިދާޅުވިއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މުލަކުގެ ދަރީންގެ ހިތްތަކުގައި އިސްލާމީ ވަހްދަތު ގާއިމުކޮށް މަދަހަކިޔުމުގެ ފަންނު ދިރުވައި އާލާކުރުވުމުގެ އިތުރުން މަދަހަ ކިޔުމުގެ ހުނަރުވެރިކަން އިތުރުކޮށް މުލަކު ރައްޔިތުންގެ މެދުގައި އެކުވެރިގުޅުމެއް ގައިމުކުރުމެވެ. އަދި ދިވެހި ޅެންވެރިކަމުގެ ދާއިރާގައި ހުނަރުވެރި ރައްޔިތަކު އުފައްދައި އަމިއްލަވަންތަ މަދަހަތައް މުޖުތަމައަށް އުފަންކުރުވުންކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވެވޭނ،ީ މ. މުލަކު ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއ،ި އެ ސުކޫލުގެ ބެލެނިވެރިންނަށެވެ. މީގެއިތުރުން މި މުބާރާތް ރާވާފައިވަނީ ތަފާތު ދެ ބައެއް ހިމެނޭގޮތަށެވެ. އެއީ ގްރޫޕްކޮށް މަދަހަ ކިޔުމާއި ވަކިވަކިން މަދަހަ ހުށައެޅުމެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިޔަކު 01 މަދަހަ ހުށައެޅޭނެއެވެ.

ހަމައެއާކު މި މުބާރާތުގައި ކެޓަގަރީތައް ބަހާލެވިފައިވާނ،ީ މިހާރު ސްކޫލްތަކުގައި ބަހާލެވިފައިވާ ކީ ސްޓޭޖްތަކަށެވެ. އަދި ކީ ސްޓޭޖްގައި ނުހިމެނޭ އުމުރުފުރާތައް ބަހާލެވިފައިވާނީ 02 ކެޓަގަރީއަކަށް ކަމަށްވެސް ކޯޑިނޭޓަރ ޝާމިލް ވިދާޅުވިއެވެ.

މީގެއިތުރުން މި މުބާރާތުގެ ފަނޑިޔާރުކަން ކުރައްވަނީ 3 ބޭފުޅުންނެވެ. އެއީ މަޝްހޫރު ދެ ލަވަކިޔުންތެރިންކަމަށްވާ މުމްތާޒް މޫސާއާއި ފާތުމަތު ނައްބަތެވެ. އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ބޭފުޅެއް ކަމަށްވާ އިބްރާހިމް މުހައްމަދު ވަހީދު އުސްމާން (ބޮޑުބެ)އެވެ.

މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު މުލަކު ސްކޫލް ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް) އަކީ މުލަކުގެ ރައްޔިތުންނަށާއި ރަށުގެ މުސްތަގްބަލަށްޓަކައި ވިސްނައި އެރަށަށް ކުރިއެރުމާއި ތަރައްގީ ގެނައުމަށްޓަކައި އެތައް ހިދްމަތްތަކެއް ކޮށްދެމުން އަންނަ ހިވާގީ ބޭފުޅުން ތަކެއް ތިއްބެވި ނަމުނާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަބަދުވެސް އަންނަނީ ތަފާތު އެކި މުބާރާތްތައް ރަށުގެ ރައްޔިތުންނަށްޓަކައި ބާއްވަމުންނެވެ.

ނަމަވެސް ''ސެލް މަދަހަ ޗެލެންޖް 1445" އަކީ އެ ޖަމިއްޔާއިން ބާއްވާ ފުރަތަމަ މަދަހަ މުބާރާތެވެ.