އާންމުކޮށް އިވޭނީ އަންހެނުންގެ ދުވަހާ ގުޅޭ ވާހަކަތަކެވެ. އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްލި ވާހަކައެވެ. އެވެނި މިވެނި ކަމެއް ރާވައި ހިންގި ވާހަކައެވެ. މިއީ ރަނގަޅު ކަމެކެވެ. ގައުމެއް ކުރިއަރައިގެން ދިއުމަށް އަންހެނުން ބާރުވެރި ކުރުވުމަށް މުހިންމު ކަމެއްވެސް މެއެވެ. އެހެންނަމަވެސް ހަމަހަމަ އުސޫލަކުން ވިސްނާކަމަށްވާނަމަ ފިރިހެނުންގެ ދުވަހަކާއި އެދުވަހުގެ ޝިއާރަކާއި އެދުވަހުގެ ކަންތައްތައް އޮންނައިރު "ފާހަގަ"ކުރުން ކުލަފަނޑު ވާ ސަބަބަކީ ކޮބައިބާވައެވެ.

ސަބަބު ވަރަށް ސާފެވެ. ފިރިހެނުންނަކީ މިފަދަ ކަންކަން ފާހަގަކޮށް ފޮޓޯ ނަގައި، ހަނދާންތައް ފޮރުުވައި ހެދުމުގައި އެހާ ކުރިއަށް ނުކުމެ ޝައުގުވެރިކަމާއެކުގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ. އެހެންވާ ސަބަބަކީ އެއީ ފިރިހެނުންގެ ފިތުރަތުގައި ނެތް ކަމަކަށް ވީމައެވެ. އަދި އެކަން އެމީހުންގެ ތޮބީއީ ސިފައަކަށްވެސް ވެފައިވާތީއެވެ.

އެކަމަކު މިއަދު ނޮވެމްބަރ މަހުގެ 19 ވަނަ ދުވަސް، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން ޖެހުނީ އަންހެނުންގެ ދުވަހެއް އޮވެ އެދުވަސް ފާހަގަކުރާތީ ފިރިހެނުންގެ ދުވަހެއް ހަމަޖައްސައި ދިނުން އެދި ކުރި އިހުތިޖާޖަކުންނެވެ. އަބަދުވެސް ކަންކަމުގެ "ލީޑް" ބޭނުންވާ ފިރިހެނުން މި އިހުތިޖާޖުގައި ހުށަހެޅީވެސް އަންހެނުންގެ ދުވަސް 8 މާރިޗަށް ވާތީ ފިރިހެނުންގެ ދުވަސް އެއަށްވުރެ ކުރިއަށް ޖައްސައި ފެބްރުވަރީ މަހުގެ 23 އަށް ފިރިހެނުންގެ ދުވަސް ހަމަޖެއްސުމަށް ގޮވާލައެވެ.

އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަކަށް ގޮވާލާ އަޑުއުފުލާފައި ވަނީ މަދުވެގެން 1960 ގެ އަހަރުތަކުގަައެވެ. ފެބްރުއަރީމަހުގެ 23 ވަނަ ދުވަސް ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަށް ހަމަޖެއްސުމަށް ގޮވާލައި، އެތައް ގިނަ ފިރިހެނުންތަކެއް ސިއްރުން އިހުތިޖާޖު ކުރަމުން ދިޔަސަބަބަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ އެއްވަރުގެ ދުވަހަކަށް ފިރިހެނުންގެ ދުވަސް ހެދުމަށްޓަކައެވެ. ނަމަވެސް، ތާރީޚީ ހާދިސާތަކަށް ފެބްރުވަރީ 23 އަށް ފޯކަސް މަދުކަމުން، ކުރީގެ ޔޫނިއަންގެ ބައެއް ޤައުމުތަކުން ވަނީ ނޮވެމްބަރު 19 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ބަލައިގަތުމަށް ނިންމާފައެވެ.

ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ދުވަހެކެވެ. އަދި މިގޮތަށް މިދުވަސް ފާހަގަކުރާ ސަބަބަކީ ޕޮސިޓިވް ރޯލް މޮޑެލްތަކަށް އަލިއަޅުވާލައި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައެވެ. 2023 ވަނަ އަހަރުގެ ޝިއާރަކީ "ޒީރޯ މޭލް ސުއިސައިޑް" އެވެ. އެންމެން ގުޅިގެން "ފިރިހެނުން އަމިއްލައަށް މަރުވުން ހުއްޓުވިދާނެ" މިއީ މިއަހަރު ފިރިހެނުންގެ ދުވަހުުގެ ޝިއާރެވެ.

ބައިނަލްއަޤްވާމީ ފިރިހެނުންގެ ދުވަހަކީ ކޮންމެ އަހަރަކުވެސް މުހިންމުކަން ދީގެން ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ އަންހެނުންނާއި އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުވައި ބާރުކުރުވުމަށް އަންހެނުންގެ ދުވަސް ފާހަގަކުރުމާ އެއްފަދައިން މައިންބަފައިން އެކަހެރިވުމާއި، ގޯނާކުރުމާއި، ގެދޮރުނެތި، އަމިއްލައަށް މަރުވުމާއި، މާރާމާރީ ފަދަ ފިރިހެނުންނަށް ކުރިމަތިވާ ގިނަ މައްސަލަތަކަކަށް މުޅި ދުނިޔޭގައި ވެސް ހޭލުންތެރިކުރުވުމުގެ ދުވަހެކެވެ.

ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހުގެ ބާނީއަކީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ޑރ ޖެރޯމް ޓިލަކްސިންގް އެވެ. 1999 ވަނަ އަހަރު މި ދުވަސް އުފެއްދެވީ މުޖުތަމައުގައި ފިރިހެނުން ކޮށްދޭ ހެޔޮ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ މީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަގްސަދުގައެވެ.

"ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް" ޓްރިނިޑާޑް އެންޑް ޓޮބޭގޯގައި 1999 ވަނަ އަހަރު ފެށުނު މި ދުވަހަކީ އޭނާގެ ބައްޕަގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ޑރ ޖެރޯމް ޓުލަކް ސިންގް އުފެއްދެވި ދުވަހެކެވެ. މިދުވަސް ފާހަގަކުރުން، ވޭތިވެދިޔަ 22 އަހަރު ކުރިއަރަމުން އައިސް އަދު 80 އަށް ވުރެ ގިނަ ގައުމުތަކުގައި މި ދުވަސް ދަނީ ފާހަގަކުރަމުންނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ފިރިހެނުންނަށް ދިމާވާ އިޖުތިމާއީ މައްސަލަތައް ފާހަގަ ކުރުމުގެ މަގްސަދުގަ އެވެ.

އެހެންކަމުން ފިރިހެނުންގެ މިޒާޖާއި ފިތުރީ ތޮބީއަތުގައި މިދުވަސް ހާއްސަކޮށް ފާހަގަކުރުން ނެތަސް، އަންހެނުންގެ ފަރާތުން އެމީހުންނަށް ހަދިޔާދެވިދާނެތާއެވެ. އަދި ހަމަ ހުރިހާ އަންހެނުން، ކޮންމެ އާއިލާއަކުން ވެސް އަދި ރައްޓެހިންވިޔަސް، އޮފީސް މީހުންކަމުގައި ވިޔަސް، އަންހެނުންނަށް، އެބަޔަކާ ގާތުގައި އުޅޭ ފިރިހެނުންނަށް މިދުވަސް ހާއްސަކޮށް ފާހަގަކުރަށް އެހީވެ ބާރު އެޅިދާނެއެވެ. އަދި ސަރޕްރައިޒްވެސް ދެވޭނެއެވެ. އަޅެ، ގޮތްބަލާލުމަށް ނަމަވެސް މިކަހަލަ ކަމެއް ކޮށްލުންކީއްތޯއެވެ.