އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ޑރ މުއިއްޒު ވަނީ އެމަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދުބެއި އަށް ޝުކުރު އަދާކުރައްވާފައެވެ. ޑރ މުއިއްޒު ވަނީ މި ބައްދަލުވުމުގައި، އިސްލާމީ ޤައުމުތަކުގެ ޞުލްޙަ މަސަލަސްކަމާއި ކުރިއެރުމަށް، އޯ.އައި.ސީ. އާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދުބެއި ދެއްކެވި ވާހަކަފުޅުގައި، އޯ.އައި.ސީ. ގެ އެހެން މެމްބަރުންގެ ފަރާތުން ރައީސް ޑރ މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ޤާބިލު ޒައާމަތުގައި ރާއްޖެއަށް އިންޤިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

ހަމައެހެންމެ ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އޯ.އައި.ސީ. އިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.