ދިވެހިރާއްޖޭގައި މިހާރުތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެއްމަސްދުވަހަކީ އައުސަރުކާރަށް އެކަށީގެންވާ މުއްދަތެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ އެއްމަހަކީ އެކަށީގެންވާ މުއްދަތެއް ކަމަށްވިޔަސް އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނޭ ކަމަށެވެ. "އެއީ އުނދަގޫކަމެއް. އެހެންނަމަވެސް ފަހުން ރަނގަޅުވާނެ،" އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކުރާ މަސައްކަތުގައި ދެގައުމުގެ ގުޅުމަށް ބުރޫ އެރުމުގެ ފުރުސަތުވެސް އޮވެދާނޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. އެހެންނަމަވެސް ފަހުން އެކަންކަން ހަމައަކަށް އެޅިގެންދާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައު ސަރުކާރުން މިއަދު ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި މިވަގުތު ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އެމީހުން އަނބުރާ ގެންދިއުމަށް އައު ސަރުކާރުން ވަނީ އިންޑީއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް މިސަރުކާރުން ގެންގުޅުއްވާ ޕްލޭން އެނގިވަޑައި ނުގަންނަވާތީ އިތުރަށް އެކަމާބެހޭ ގޮތުން ވިދާޅުވާނޭ އެއްޗެއް ނެތްކަމަށެވެ.