މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެމްބަރުން އަލުން ކަނޑައަޅުއްވާ މިއަދު އިއުލާންކުރައްވައިފިއެވެ.

މިނަންތައް ކަނޑައަޅުއްވައި އިއުލާން ކުރެއްވީ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ކަނޑައެޅުއްވި 5 މެމްބަރުންނަކީ

  • މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު
  • މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް
  • އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
  • ހަނިމާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަފޫރު މޫސާ
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު

މި 5 މެމްބަރުންގެ ތެރެއިން އަޙްމަދު ސިޔާމް މުހައްމަދު މަޖިލީހުގައި ހިދުމަތް ކުރައްވަމް ފެއްޓެވީ 27 ފެބްރުއަރީ 2005 ވަނައަހަރުއެވެ. އަނެއް 4 މެމްބަރުންކަމަށްވާ ޤާސިމް އިބްރާހީމާއި އަހްމަދު ސަލީމާއި ޢަބްދުލްޣަފޫރު މޫސާ އާއި އަހްމަދު ޢާމިރު މަޖިލީހުގައި ހިދުމަތް ކުރައްވަން ފެއްޓެވީ 28 މޭ 2009 ގައެވެ.

އެ ލިސްޓުގެ ކުރީގައި މީގެ ކުރިން އޮތް ވިލުފުށީ ދާއިރާގެ މެންބަރުން ހަސަން އަފީފު ވަނީ ލިސްޓުން އުނިކޮށްފައެވެ.

މަޖިލީހުގެ ޤަވާއިދުގެ 44 ވަނަ މާއްދާގައި ބުނާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނަމަ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ މެންބަރަކު ރިޔާސަތު ބަލަހަންޓަން ވާނެކަމަށެވެ. އަދި އެ މެމްބަރަކީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރަށް ވާންޖެހޭނެކަމަށްވެސް އެ މާއްދާގައިވެއެވެ.