ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅި އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި ގަރާރުގެ މައްސަލާގައި އޭނައަށް ނޯޓިސް ފޮނުވައިފިއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލާގައި އިވާ އަށާއި މަޖިލިސް މެމްބަރުންނަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޯޓިސް ފޮނުވާފައެވެ. އަދި އޭނާއަށް ވަނީ 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައެވެ.

އެމްޑީޕީން ހުށަހެޅި ގަރާރުގައި ބުނާ ގޮތުން، އީވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެވުނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ. ނަމަވެސް އީވާ އަމިއްލައަށް އެދިގެން ޕާޓީން ވަކިވެފައިވާތީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުންގެ އިތުބާރު އީވާއަށް ގެއްލިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން، އީވާ އަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅަކަށް ވާއިރު، ނަޝީދުގެ މައްސަލާގައި ތަނާޒުލްވާން އިންކާރުކޮށްފައިވަނީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާ އާއި ހިލާފަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އީވާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް މިމަހުގެ 13 ވަނަ ދުވަހު ހުށަހެޅީ 50 މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެންބަރަކާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲގ ގެ ސޮޔާއެކުގައެވެ.