ކަރަންޓު އާލާތްތައް ހިންގުމަށް ހަކަތަ ހޭދަވާ މިންވަރު އަންގައިދޭ ދިވެހި ލޭބަލް "ހަކަތަރި" ލޭބަލް އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކުގައިވެސް ޖަހަން ފަށައިފި ކަމަށް އެކުންފުނީން ބުނެފިއެވެ.

މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެއް ކަމަށް ވެސް އެކުންފުނީން ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ. މި 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނޭ ކަމަށް ވެސް އެކުންފުނީން ބުނެފައިވެއެވެ.

ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާ ހަމައަށް ގިންތި ކުރެވިފައެވެ.

ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ.

އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ.

މެއި، 2022 ގައި އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލްއެއްގެ އޭސީގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ.

އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 ކަރަންޓް މަދުން ކަރަންޓު ބޭނުންކުރާ އެއަރ ކޮންޑިޝަންތައް ހިމެނެއެވެ.

ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.