މި ހިނގާ ދިރާސީ އަހަރު ނިމުމުން، 2025ގެ ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަޝްވަރާތައް ބައްދަލުވުންތައް ބާއްވަން ފަށައިފި އެވެ.

ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވަނީ ވިދާޅުވެފައެެވެ.

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ މިއަދު ބައްދަލުކުރައްވައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތަށް ފާޅުކުރުމަށް ފުރުސަތު ދެއްވިއެވެ. 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު މިއަދު ބޭއްވި އެ ބައްދަލުވުމުގައެވެ. ނަމަވެސް، ޝަފީއު ފާހަގަކުރެއްވި ގޮތުގައި، އެ ނިންމުން ނިންމާނީ ބަލަން ޖެހޭ ކަންކަން ބަލައި ދިރާސާކޮށް، ބަޖެޓު ކަނޑައަޅައި މަންހަޖާއި ޓައިމްލައިން އާއި ދެން ވެސް ހުރި ކަންކަމަށް ރިއާޔަތް ކުރުމަށް ފަހު އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތަކުގެ ބޮޑު ޗުއްޓީ އޮތީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދިމާވާ ގޮތަށެވެ. އެކަމަކު 2021 ވަނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ ވަނީ އަހަރުގެ މެދުތެރެއަށް، ޖޫން މަހާއި ޖުލައި މަހާ ދިމާވާ ގޮތަށް ހަމަޖައްސާފަ އެވެ.

ޗުއްޓީއަށް ގެނައި ބަދަލާ މެދު ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ބައެއް ބެލެނިވެރިން ބުނަނީ ޖޫން އަދި ޖުލައިގައި ކުރިމަތިވާ ހުޅަނގުގެ ވިއްސާރައިގައި ޖެހި، ޗުއްޓީއަށް ހުރަސް އެޅޭ ކަމަށެވެ. އެކަމަކު އެކަމުގެ ރައްދުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބޮޑު ޗުއްޓީ ބަދަލުކުރީ، ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކޮށް، އަހަރުގެ މެދާއި ނިމޭ ހިސާބާ ދެމެދު މާ ބޮޑު ތަފާތެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

ދިރާސީ އަހަރު ޖެނުއަރީ އަށް ބަދަލު ކުރުމަކީ ގިނަބަޔަކު އެގޮތަށް އެދޭކަމެކެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަބަޔަކު އެކަމާ ފާޑުކިޔާ ކަމެކެވެ.