ސަހްޔޫނީ އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާއަށް 27 ޓަނުގެ އިންސާނީ އެހީގެ ސާމާނު ރަޝިޔާއިން މިއަދު ފޮނުވައިފިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިޔާއިން ހާމަ ކުރައްވާފައިވާ ގޮތުގައި ރަޝިޔާއިން އިންސާނީ އެހީގެ ގޮތުގައި ފޯރު ކޮށްދިނީ ކާބޯތަކެއްޗާއި، ތުއްތު ކުދިންގެ ކާނާއާއި، ހެދުން، ބޫޓު އަދި ސާފުތާހިރު ވުމަށް ބޭނުންކުރާ ސާމާނެވެ. މިއީ ރަޝިޔާއިން ޣައްޒާއަށް އިންސާނީ އެހީ ފޮނުވި ދެވަނަ ފަހެރެވެ. ދެފަހަރު މަތިން ރަޝިޔާއިން ޣައްޒާއަށް ފޮނުވި އިންސާނީ އެހީގެ އަދަދު 200 ޓަނަށް އަރައެވެ.

މީގެ އިތުރުން މިހާރުވެސް ޣައްޒާއަށް ފޮނުވުމަށް 100 ޓަނުގެ އިންސާނީ އެހީ ރަޝިޔާއިން ތައްޔާރު ކުރަމުން އަންނަ ކަމަށާއި ދުރުނޫން މުސްތަގުބަލެއްގައި އެހީގެ ސާމާނުތައް ޣައްޒާއަށް ފޯރުކޮށްދެވޭނެ ކަމަށް ރަޝިޔާއިން ޤަބޫލް ކުރެއެވެ.

އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމުގައި މިހާތަނަށް 13،300 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާރު ޣައްޒާ %45 ގެދޮރު އިޒްރޭލުން ވަނީ ހަލާކު ކޮށްލާފައެވެ. ގެދޮރު ނެތި އެތައްބަޔަކު ކުދިކުދި ފޭލިގެތަކުގައި ދިރިއުޅެމުން އަންނައިރު، ފިނި މޫސުމުގެ ދުވަސްތައް ފެށެން ކައިރިވެފައިވާތީ، ފިނިން ރައްކާތެރިވެވޭނެ އެއްވެސް ގޮތެއް ޣައްޒާގެ ރައްޔިތުންނަކަށް މިއަދަކު ނެތެވެ.