ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި 'ހަފުތާ 14' ގައި ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. 'ހަފުތާ 14'ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ 'ދިވެހީންގެރާއްޖެ' މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. މާލެއިން ޖާގައިގެ ގޮތުން ތަނަވަސް ބޮޑު ބިމެއްގައި އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވެރިކަމާއި ހަވާލު ވާގޮތަށް އެންމެ ފުރަތަމަ ކުރަން ފެށޭ މަސައްކަތް ތަކުގައި އަރައްބިޔާގެ އާ އިމާރާތް އެޅުން ހިމެނޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފައެވެ.

ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.