ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ބައްލަވައި މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައިލެއްވުމަށް ސައިޓްތަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ޒިޔާރަތް ކުރެއްވީ މިއަދު ހަވީރުގައެވެ. މި ޒިޔާރަތް ކުރެއްވުމުގައި ރައީސް ޑރ މުއިއްޒު އަރިހުގައި، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. ރޭމްޕް ސަރަޙައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައްވެސް ރައީސް ވަނީ ބައްލަވާލައްވާފައެވެ. އަދި އެއަށްފަހު ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މީގެ ކުރިން ވަނީ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ސަރުކާރުގެ 'ހަފްތާ 14′ ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފައެވެ.