ފަނަރަވަނަބައި
އައްޒާމް މަޑުމަޑުން އައިކާގެ މޫނުގައި ފިރުމާލިއެވެ. އަދި މަޑުމަޑުން އައިކާގެ ތުނި ތުންފަތުގައި އަތް ހިންގާލިއެވެ. އެވަގުތު މީހެއްގެ ބީހުން އިހުސާސްވެގެން އައިކާއަށް ކުއްލިއަކަށް ހޭލެވުނެވެ. އެވަގުތު އައްޒާމް ކުއްލިއަކަށް އައިކާގެ އަނގަމަތީ އަތްއެޅިއެވެ.
"ޝްޝްޝް!! ހަޅޭއްނުލަވައްޗޭ!! މީ އަހަރެންނޭ.. އައްޒާމް.." އައްޒާމް މަޑުމަޑުން ބުނެލިއެވެ. އައިކާ ޖެހިލުންވެފައި އިނދެ ބޯޖަހާލުމުން އައްޒާމް އައިކާގެ އަނގަމަތިން އަތް ނެގިއެވެ.
"އައްޒާމް ކިހިނެއް.. ކީއްކުރަން މިގަޑީ މިތަނަށް ތި ވަނީ؟" އައިކާ ކަންބޮޑުވެފައި އަހާލިއެވެ.
"އަހަރެންނަށް ނުނިދިގެން ހަމަ އައިކާއާ ވާހަކަދައްކާލާ ހިތުން.." އައްޒާމް މަސްތީ ގޮތަކަށް ބުނެލިއެވެ.
"މިގަޑީ މިތާ ތިބުން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ.. އައްޒާމް ދޭ ބޭރަށް.. އަހަރެން މިދަނީ.." އައިކާ ރަޖާގަނޑު އޭނާގެ ގައިގައި އޮޅާލަމުން ބުނެލިއެވެ.
"މިތާވެސް އޯކޭވާނެ.. ތީ ކީއްކުރަން އޮޅާ ރަޖާގަނޑެއް.. އަހަރެންނަށް ފެނުނަސް އޯކޭވާނެޔޭ.. ތި ނަގާބަލަ.." އައްޒާމް ރަޖާގަނޑުގައި ހިފަމުން ބުނެލިއެވެ.
"ނޫން.. އައްޒާމް މިތަނުން ދޭ!" އައިކާ ބުންޏެވެ.
"ޕްލީޒް! އަހަރެންނާ ވާހަކަދައްކާލަން މަޑުކޮށްލަބަލަ.. އަހަރެންނަށް އައިކާ ނުފެނި، ވާހަކަދައްކާނުލާ ނުނިދޭނެ.." އައްޒާމް ދީވާނާއެއް ފަދައިން އާދޭސްކުރަން ފެށިއެވެ.
"ކީއްވެ؟ އަހަރެންނަކީ އައްޒާމްއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން.. ދެން ކީއްވެ؟"
"އަހަރެންނަށް އައިކާދެކެ ލޯބިވެވިއްޖެ.. އަހަރެން އައިކާ ބޭނުން.. އެކަކު ޤަބޫލުނުކުރިޔަސް ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް އައިކާ ކަމުގޮސްފި.. އައިކާދެކެ ލޯބިވެވިއްޖެ.. އައިކާގެ ތި ރީތިކަމުން އަހަރެން މޮޔަވެއްޖެ.. މުޅިން ދީވާނާވެއްޖެ.. ޕްލީޒް! އަހަރެން ފޮނުވާނުލާ އަހަރެން އެދޭކަމެއް ކޮށްދީ.." އައްޒާމް ނުހަނު ފިލްމީކޮށް ބަސްތައް އަތުރާލައިގެން އައިކާ ވާވައްދާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ.
"އައްޒާމް! ހުއްޓާލާ! ތިކަމެއް ދުވަހަކުވެސް ނުވާނެ.. ދުވަހެއްގެ ކޮޅުންވެސް އަހަރެންނަކަށް އައްޒާމްގެ މީހަކަށް ނުވެވޭނެ.. ވާކަށް ބޭނުމެއްވެސް ނޫން.. އަހަރެން ވާން ބޭނުންވަނީ އެންމެ މީހެއްގެ ޙައްޤަކަށް.. އަދި ވާނީވެސް އޭނާގެ ޙައްޤަކަށް.. އެއީ ޔޫޝައު.. އަންނަ ހަފްތާގަ އަހަރެންގެ ކައިވެނި އޮތީ.. އެހެންވީމަ އައްޒާމް އަހަރެންދެކެ ލޯބިވަންޏާ ހަމަ މިހާރު މިވަގުތު މިތަނުން ދޭ! އަދި ދުވަހެއްގެ ކޮޅުންވެސް އަހަރެންނާ ދޭތެރޭ ތިފަދަ ގޮތަކަށް ނުވިސްނާ! އަހަރެން މަތިން ހަނދާން ނައްތާލާ! ޕްލީޒް! މިތަނުން ދޭ!" އައިކާގެ އަޑަށް ހިތާމަޔާއިއެކު ރުޅިވެރިކަންވެސް ވެރިވެއްޖެއެވެ.
"އައިކާ ޕްލީޒް!"
"ޖަސްޓް ޝަޓަޕް އެންޑް ގެޓް ލޮސްޓް!!" އައިކާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.
"އެންމެ ރަނގަޅު.. އަހަރެން ހިނގައިދާނަން.. އެކަމަކު އަހަރެންނަކަށް އައިކާ މަތިން ހަނދާން ނައްތައެއް ނުލެވޭނެ.. އަހަރެން އަބަދުވެސް އައިކާދެކެ ލޯބިވާނަން.. އަހަރެން އުއްމީދުކުރަން އައިކާ ކޮންމެވެސް ދުވަހަކުން އަހަރެންގެ ގާތަށް އަންނާނެކަމަށް.." ދެއްކުންތެރިވި ހިތާމައިގެ މޫނަކާއިއެކު މޮޅިވެރި އަޑަކުން ވާހަކަތަކެއް ދެއްކުމަށްފަހު އައްޒާމް ނުކުމެގެން ދިޔައީ އޭނާއަށް މިރޭ މި ކުރިމަތިވި ނާކާމިޔާބީގެ ސަބަބުން އައިކާއާމެދު ހިތުގައި ރުޅިވެރިކަން އުފައްދަމުންނެވެ. އޭނާ އަދި އެހާ ފަސޭހައަކުން މިކަން ދޫކޮށެއް ނުލާނެއެވެ. އޭނާ ކޮންމެފަދަ ގޮތަކުންވެސް އޭނާގެ އެދުން ހާސިލްކުރާނެއެވެ.
އައްޒާމް ނުކުމެގެން ދިއުމުން އައިކާ ދުވެފައި ގޮސް ދޮރު ތަޅުލިއެވެ. އޭނާއަށް އެންމެ ފުރަތަމަ އައްޒާމް ފެނުނު ދުވަހުވެސް އައްޒާމް އޭނާއަށް ބަލަން ހުރިގޮތް ކަމަކުނުދިޔައެވެ. އެދުވަހުވެސް އައްޒާމްއަކީ ހަޞީލަތް ނުބައި މީހެއްކަން އޭނާއަށް އެނގުނެވެ. ނަމަވެސް މިހާ އަވަހަކަށް މިކަން މިހިސާބަށް ހިނގައިދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. ދެން އޭނާ އުޅެން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ނޫންނަމަ ދުވަހަކުވެސް ނުފިލާވަރުގެ ލައްގަނޑެއް އޭނާގެ ފަސްބައިގައި ޖެހިދާނެއެވެ. މިރޭ އައްޒާމްގެ ފަރާތުން އެލިބުނީ އިންޒާރެކެވެ. މިރޭ އައްޒާމް އެހާ ފަސޭހައިން ދިޔަޔަސް އޭނާ އައްޒާމްއަކަށް އިތުބާރެއް ނުކުރެއެވެ. އަދިވެސް އައްޒާމް އަންނާނެޔޭ އޭނާގެ ހިތް ބުނެއެވެ.
"އަހަރެން ދެން ހަދާނީ ކިހިނެއް؟ މިހާރު އައްޒާމްއާ ދޭތެރޭ އަހަރެން ބިރުގަންނަން ފަށައިފި.. މިރޭ އެވަނީ ކޮޓަރިއަށް.. މާދަމާ ނޭނގެ ހަދާނެ ގޮތެއްވެސް.. މަންމަމެން ގާތުގައި ބުނަންވީ.. ނޫން.. އޭރުން މަންމަމެން ވަރަށް ދެރަވާނެ.. ރުޅިވެސް އަންނާނެ.. ޒިދުނާއްތަ ގާތު ބުނަންވީ ކަންނޭނގެ.. ނޫން.. އެވާނީ ބޭކާރު ކަމަކަށް.. އެމީހުން އެކަން ޤަބޫލެއް ނުކުރާނެ.. އޭރުން ބައްޕައާ އާސިފްބެމެންނާ އޮންނަ ގާތް ގުޅުން ކެނޑޭނެ.. ޔޫޝައު ގާތު ބުނާނީ.. އުހުނ.. އޭރުން ޔޫޝައު ވަރަށް ރުޅިއަންނާނެ.. އައްޒާމްއަށް ކޮންމެ ގޮތެއްވެސް ހަދާފާނެ.. ފަހަރެއްގަ އަހަރެންނާ ނީނދެވެސްފާނެ.. އޭރުންވެސް ހުރިހާ ދެރައެއް ލިބޭނީ އަހަރެންނަށް.." އައިކާ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ވިސްނަމުން ދިޔައީ އައްޒާމްގެ ކިބައިން ސަލާމަތްވާނެ ގޮތަކާއިމެދުގައެވެ. ކުއްލިއަކަށް އޭނާއަށް މޮޅު ޚިޔާލެއް އައެވެ.
"ޔެސް.. ލީންއަށް ގުޅާފަ ޚިޔާލެއް ހޯދާނީ.. އޭނަ އަހަރެން އެދޭހެން މިކަން ސިއްރުކޮށްދޭނެ.." އައިކާއަށް އުއްމީދެއް ލިބިގެން ދިޔައެވެ. އެރޭ އައިކާއަށް އިތުރަށް އެންމެ ލޮލުފިޔައެއްވެސް ނުޖެހުނެވެ. ހަމަ ނިދި ޖެހިލާއިރަށް އައްޒާމް ވަދެދާނެޔޭ ހީވަނީއެވެ. ފިރިމީހާއަށްޓަކައި އޭނާ ރައްކާތެރިކޮށްފައިވާ ޢިއްޒަތާއި އަބުރު ވެއްޔާއި މޮޑެވިދާނެޔޭ ހީވަނީއެވެ.
ފަތިސް ނަމާދު ބަންޤި ގޮވުމުން އައިކާ އަވަހަށް ތެދުވެ ފެންވަރައި ނަމާދުކޮށްލައިގެން ލީންއަށް ގުޅިއެވެ. ހައެއްކަ ފަހަރު ގުޅިފަހުން ލީން ފޯނު ނެގިއެވެ.
"ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ؟ ކޮންއިރެއް މިހާރު ގުޅާތާ؟" ކަންބޮޑުވެފައި ހުރިލެއް ބޮޑުކަމުން އައިކާއަށް ވާހަކަދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ.
"އަހަރެން ހުރީ ނަމާދަށް އަރައޭ.. ކިތަންމެ ވަރަކަށް ގުޅިޔަސް ނުނެގޭނެއެއްނު.. ދެން ބުނެބަލަ.. ކިހިނެއްވީތަ؟ ކޮންކަމަކާތަ މާ ރުޅިއައިސްފަ ތިހުރީ؟" ލީން ސީރިއަސްވެފައި އަހާލިއެވެ. އައިކާ ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ.
"ނާ ހަމަ ތެދެއްތަ؟"
"އާނ.. ލީން ބުނެބަލަ.. އަހަރެން ކިހިނެއްތަ ހަދާނީ؟" އައިކާ ކަންބޮޑުވެފައި އަހާލިއެވެ.
"އިކާ! ތީ ވަރަށް ސީރިއަސް މައްސަލައެއް.. އަވަހަށް މަންމަމެން ގާތު ބުނޭ.. އެހެންނޫނީ.."
"ނޫން ލީން.. އަހަރެންނަކަށް ނުކެރޭނެ.. މަންމަމެން ވަރަށް ރުޅިއަންނާނެ.. ޒިދުނާއްތަމެން ގާތު ބުންޏަސް އެމީހުން ޤަބޫލެއް ނުކުރާނެ.. އޭރުން އަހަރެމެން މިގެއިން ނެރެލާނެ.. މި މާލޭގަ އަހަރެމެން ދާނީ ކޮންތާކަށް؟" އައިކާއަކަށް ލީންގެ ވާހަކައާ އެއްބަހެއް ނުވެވުނެވެ.
"އިކާ! ބޭނުންވަނީ އެހެން މީހުންގެ ރުހުންތަ؟ ނޫނީ އަމިއްލަ ޢިއްޒަތާއި އަބުރުތަ؟ އިކާ ތިކަން ސިއްރުކޮށްގެން ހުއްޓާ އޭނަ އިކާ ރޭޕްކޮށްލައިފިއްޔާ ދެން އިކާ ކިހިނެއް ހަދާނީ؟ އަހަރެންނަށް ހަމަ ޔަޤީން އެރޭވެސް އޭނަ ވަންނާނީ އެ ބޭނުމުގަކަން.. އޭނައަށް އެއްވެސް ކަމެއް ނުކުރެވެނީސް އިކާއަށް ހޭލެވުނީމަ ވާހަކަ އޮޅުވާލީ.. ދެން ތިބުނީ ދާނެ ތަނެއް ނެތް ވާހަކަ.. ޔޫޝައު ހުއްޓާ ތިކަމާވެސް ހާސްވާކަށް ނުޖެހޭނެ.. އަހަރެންގެ ބަހެއް އަހަންޏާ އަވަހަށް ތިވާހަކަ މަންމަމެން ގާތު ބުނެގެން ތިތަނުން ސަލާމަތްވޭ.. ޒިދުނާއްތަމެން ކިތަންމެ ރަނގަޅަސް އެމީހުންގެ އެހެރީ އެމީހުންގެ ކުލަވެސް ނެތް މީހެއް.. މީހެއްވެސް ނޫން ޖަ.."
"ލީން ޕްލީޒް! ހުއްޓާލާ!"
"އެންމެ ރަނގަޅު.. އަހަރެން ހުއްޓާލަފާނަން.. އެކަމަކު އިކާގެ ތި ގޮތްދޫނުކުރުމުގެ ސަބަބުން އިކާއަށް ދެރަގޮތެއް ވެއްޖެއްޔާ އަހަރެން ދުވަހަކުވެސް އިކާއަކަށް މާފެއް ނުކުރާނަން.. އަދި އެދުވަހަކުން ހީކުރޭ މީ އިކާއަށް ނެތް މީހެކޭ.." ލީން އޭނާގެ ފަހުބަސް އިއްވިއެވެ. އައިކާއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
"ލީން! ޕްލީޒް! އަހަރެންނަށް މިކަން ސިއްރުކޮށްދޭތި.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެއްވެސް ބައެއްގެ މެދުގަ މައްސަލަތަކެއް އުފެދޭކަށް.. އިރާދަކުރެއްވިއްޔާ އަހަރެންނަކަށް ދެރަގޮތެއް ނުވާނެ.. އިރާދަކުރެއްވިއްޔާ އަހަރެން މިކަމަށް ހައްލެއް ހޯދާނަން.." އައިކާ ބުންޏެވެ.
"ނޫން.. އަހަރެންނަކަށް ނުހުރެވޭނެ ތިކަހަލަ ކަމެއް ހިނގާކަން އެނގިހުރެ ސިއްރުކޮށްގެންނެއް.. މިހަފްތާ ތެރޭގަ ތިގެއިން ނުގޮސްފިއްޔާ އަހަރެން އިކާގެ މަންމައަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދޭނަން.." ލީން އެހެން ބުނުމަށްފަހު އައިކާ އެއްވެސް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އައިކާ ލީންއަށް ދެފަހަރަކު ގުޅުމުންވެސް ލީން ފޯނެއް ނުނެގިއެވެ. ނަމަވެސް އޭނާގެ މަންމަމެން ގާތުގައި އެވާހަކަތައް ދައްކާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.
މާބޮޑަށް ހިތް ނުތަނަވަސްވުމުން އައިކާ ޔޫޝައުއަށް ގުޅާލިއެވެ. ނަމަވެސް ޔޫޝައުގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާ މުޅިން މާޔޫސްވިއެވެ. އޭނާ އެނދުގައި ޖައްސާލީ އެޚިޔާލުތަކުން ދުރުވެވޭތޯއެވެ. ނަމަވެސް ސިކުންތުކޮޅަކަށްވެސް އޭނާއަށް އެޚިޔާލުތަކާއި ދުރަކަށް ނުދެވުނެވެ. ކުރިން ރޭ އޭނާގެ ހިތް މާބޮޑަށް ނުތަނަވަސްވީ ސަބަބަކީ މިއީތާއޭވެސް އޭނާގެ ހިތަށްއެރީ ހަމަ ކުއްލިއަކަށެވެ. މަންމަ ގާތުގައި އޭނާގެ ކޮޓަރީގައި ނިދަން އަންނަން ބުނަންވީބާވައެވެ. ނޫނެކެވެ. އޭރުން މަންމައަށް ޝައްކެއް ވެދާނެއެވެ. މަންމައަށް ޝައްކުވާ ހިސާބުން އެތައް ސުވާލަކާއި ކުރިމަތިވާނެއެވެ. އޭރުން އޭނާގެ ކެތްތެރިކަން ކޮޅުންލައި ހުރިހާ ވާހަކައެއް ފަތިފައްޗަށް އަމުނާލެވިދާނެއެވެ. އޭރުން މާލޭގައި އެމީހުން ގިނަވާނެއެވެ. އާސިފްގެ ދެމަފިރިން ކޮށްދިން ހެޔޮކަންތަކުގެ އެއްވެސް އަގެއް ނެތްކަމުގައި މީހުން ބުނާނެއެވެ. އެމީހުން ބަދަލެއް ބޭނުންނުވެ އެކަން ކޮށްދިން ނަމަވެސް އެފަދަ ކަމެއް ހިނގުމުން އިޚްތިޔާރުން ބޭރުގައި އެމީހުންގެ ދުލުންވެސް އެފަދަ ބަސްތައް ނުކުންނާނެކަން އައިކާއަށް ޔަޤީންވެއެވެ.
އައިކާ ކޮޓަރިން ނުކުތީ ސަނާ އައިސް ގޮވުމުންނެވެ. އޭނާގެ ލޮލުން ފެނުނު ރަތްކަމާއި ވަރުބަލިކަން ސަނާ ދެނެގަތެވެ. އެހެނީ އައިކާއަކީ އޭނާގެ ދެލޮލުގެ ނޫރެވެ. ހިތުގެ ފިނިކަމެވެ. ވީއިރު އައިކާއަށް ކިތަންމެ ކުޑަކުޑަ ބަދަލެއް އަޔަސް އޭނާއަށް އެކަން ފާހަގަކުރެވެއެވެ.
"ދަރިފުޅު ރޭގަ ނުނިދަނީތަ؟" ސަނާގެ ސުވާލުން އައިކާ ކުޑަކޮށް ސިހުނެވެ.
"ނޫން.. ކިހިނެއްވީ މަންމަ ތިހެން ތިއެހީ؟" އައިކާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން އަހާލިއެވެ.
"ދަރިފުޅު މަންމައަށް ދޮގު ނުހަދާތި އިނގޭ.. ދެލޯ ރަތްވެފަ ހުރީމަ މި އަހަނީ.."
"އެއީ.. ބޮލުގަ ރިއްސާތީ މިއުޅެނީ.." އައިކާ އެހެދީވެސް މުޅިއަކުން ދޮގެއް ނޫނެވެ. ރޭގެ ހަމަނިދި ނުލިބުމާއެކު މާބޮޑަށް ވިސްނުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ.
"އެހެންތަ؟ އެހެންވިއްޔާ ސައިބޮއި ބޭސް ކައިގެން ގޮސް ނިދާލާ.. އޭރުން ރަނގަޅުވެދާނެ.." ސަނާ އައިކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު އޭނާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ އޭނާއަށް މަންމައަށް ކަމެއް ސިއްރުކުރެވޭތީއެވެ. އަދި އޭނާގެ ނިކަމެތިކަން އިހުސާސްވެފައެވެ. އިސާހިތަކު އޭނާއަށް ރޮވިއްޖެއެވެ.
"ކިހިނެއްވީ ދަރިފުޅާ؟ އެހެން ތަނެއްގަވެސް ރިއްސަނީތަ؟" ސަނާ ކަންބޮޑުވެފައި އަހާލިއެވެ.
"ނޫން.. މަންމައާއި ވަކިވާން ޖެހޭތީ ދެރަވަނީ.." އައިކާ އެހެން ބުނިތަނާ އައްޒާމް އައިސް ބަދިގެއަށް ވަނެވެ. އައްޒާމް އައިސް ވަދެފައި އައިކާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. އޭނާއަށް ހީވީ އައިކާ އޭނާގެ ވާހަކަ ސަނާ ގާތުގައި ބުނީހެންނެވެ. އައިކާ އައްޒާމްއަށް ލޯއަޅާލާފައި ސައިވެސް ނުބޮއި އޭނާގެ ކޮޓަރިއަށް ވަނެވެ. ސަނާ ކަންބޮޑުވެފައި ދޮރާއި ދިމާއަށް ބަލާލަމުން އައްޒާމްއަށް ބަލާލިއެވެ. އައްޒާމް އިނީ ނޫންކަމަށް ހަދައިގެންނެވެ.
"އައިކާ ކީކޭ ކިޔާފަ އެދިޔައީ؟ އަހަރެންދެކެ ހިތްހަމަނުޖެހިފަތަ އެހުންނަނީ؟ އަހަރެން އައިސް މިވީ ދެތިން ދުވަސްތެރޭ ވަރަށް ގޮތަކަށް އައިކާ ހުންނަނީ.." އައްޒާމް ނުހަނު އޮމާންކޮށް، އެއްވެސް މީހަކަށް ޝައްކެއްވެސް ނުވާނޭހެން ވާހަކައެއް ހަދާލިއެވެ.
"ނޫނޭ.. ތިކަހަލަ ކަމެއްނޫން.. އައިކާ ކުޑަކޮށް ބަލިވެ އުޅެނީ މިއަދު.. އެހެންވެ އެ ދިޔައީ.. އޭނަ އައްޒާމްދެކެ ކޮންކަމަކާ ރުޅިއަންނަން ޖެހޭނީ؟ އަދި ކިރިޔާއެއްނު ތިދެކުދިން ތި ދިމާވީ.." ސަނާ މަޑުމައިތިރިކަމާއެކު ބުނެލިނަމަވެސް އައްޒާމްގެ ސުވާލުގައި ހުރި ރާގުން އޭނާގެ ހިތުގައި ސުވާލުތަކެއް އުފައްދައިފިއެވެ. އައްޒާމްއާއި އައިކާގެ ދެމެދުގައި މައްސަލައެއް ޖެހުނީ ހެއްޔެވެ؟ އެކަމަކު އެދެމީހުން ޖެހެން އޮންނާނީވެސް ކޮން މައްސަލައެއް ހެއްޔެވެ؟ އައްޒާމް އަނެއްކާ އައިކާއަށް ގޯނާއެއް ކުރީބާވައެވެ؟
"ސުބްޙާނަﷲ!! އަހަރެންގެ ހިތަށް މިއަރަނީ ކޮންފަދަ ނުބައި އެއްޗެހިތަކެއް؟ މާތް ﷲ މިއަޅާގެ ކުށްހީތައް ފިއްލަވާ ފާފަތައް ފުއްސަވާށި! އާމީން!" ސަނާ ހިތާހިތުން ދުޢާކޮށްލިއެވެ.
"އާނ.. ދައްތަ ތިބުނީވެސް ތެދެއް.. އެކަމު އައިކާ ހުންނަގޮތުން އަހަރެންނަށް ހީވީ އެހެން.." އައްޒާމް ހީލަމުން ބުނެލިއެވެ. އެވަގުތު ޒިދުނާ އައިސް ބަދިގެއަށް ވަނުމުން އައްޒާމް އޭނާއަށް ކޮފީއެއް ހަދައިދޭން އެދުނެވެ. ސަނާ ދިޔައީ އައިކާއަށް ގޮވާށެވެ.
ދުވަސްތައް ފާއިތުވަމުންދެއެވެ. އަދިވެސް އައިކާގެ ހިތުގައިވާ ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ. އައްޒާމް އޭނާއާއި ވާހަކަނުދައްކާ އޭނާގެ ކޮޓަރިއަށް ނުވަންނަތާ ތިންދުވަސް ވީނަމަވެސްވެހެވެ. އޭނާއަށް އަދިވެސް އައްޒާމްއާ ދޭތެރޭ ޔަޤީންކަމެއް ނެތީއެވެ. އައްޒާމްގެ ނިޔަތް އަދިވެސް ބަދަލުވެދާނެއެކޭ އޭނާގެ ހިތެއް ނުބުނެއެވެ. އެހެންކަމުން އޭނާއަށް މިހާރު ރަނގަޅަށް ނުނިދޭތާވެސް ތިންދުވަސް ވީއެވެ. ސަނާއަށް އެކަން ފާހަގަވެގެން ސުވާލުވެސް ކޮށްފިއެވެ. ނަމަވެސް އޭނާއަށް ޖެހެނީ ދޮގުތަކެއް ހަދައިގެން އެތަން ފޫބައްދާށެވެ. އެރެއަށްފަހު އޭނާއަށް މާ ހިމޭންވެފައި، ފުން ވިސްނުމެއްގައި ހުރެވޭކަން ޚުދު އޭނާއަށްވެސް އެނގެއެވެ. ޔޫޝައުވެސް އޭނާއާ ސުވާލުކުރިއެވެ. ނަމަވެސް އޭނާ ބަހަނާތަކެއް ދައްކާ އެކަން އޮއްބާލަނީއެވެ.
"މަންމާ! އަހަރެން މިއަދު ހަވީރު ޔޫޝައުއާއެކު ބޭރަށް ގޮސްލިޔަސް އެންމެ ރަނގަޅުތަ؟ އިރު އޮއްސެންވާއިރަށް އަންނާނަން.." އައިކާ ކުޑަކޮށް ޖެހިލުންވެފައި އަހާލިއެވެ.
"އެންމެ ރަނގަޅު.. އެކަމަކު އިރުއޮއްސުމުގެ ކުރިން އަންނާތި.." ސަނާ އައިކާއަށް އެތައް ނަސޭހަތެއް ދިނުމަށްފަހު ފޮނުވަން އެއްބަސްވިއެވެ. ސަނާގެ ހުއްދަ ލިބުމުން ސަނާ ހިނިތުންވެ ހުރެ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އަވަސްއަވަހަށް ފޯނު ނަގައި ޔޫޝައުއަށް ގުޅާލިއެވެ.
"ހެލޯ ޔޫޝް! މިއަދު ހަވީރު ބޭރަށް ދެވިދާނެތަ؟ އަހަރެމެން ދެމީހުން އެކަނި.." ޔޫޝައު ފޯނު ނެގުމާއެކު އައިކާ ބުނެލިއެވެ.
"އާނ.. ތީ އެއްވެސް ކަމެއް ނޫނެއްނު.. އަނެއްކާ ކިހިނެއްވީ މިއަދު؟ އެކަނި ދާން ތި އުޅެނީ؟" ޔޫޝައު ލާނެއް ގޮތަކަށް އަހާލުމުން ޔޫޝައު އެބުނީ ކީކޭކަން އައިކާއަށް ވިސްނުނެވެ. އޭނާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ރަކިވެގެންނެވެ.
"ހަމަ ބޭނުންވީ ވާހަކަ ދައްކާލާ ހަދާލަން.. ތަންކޮޅެއް މިނިވަންކޮށް.." އައިކާ އެހެން ބުނެލުމުން ޔޫޝައު ހީލިއެވެ.
"އެހެންވީމަ ހަތަރު ގަޑި ބަޔަށް ތައްޔާރުވެގެން ހުރޭ.. އަހަރެން ދާނަން ބަލާ.."
"އެންމެ ރަނގަޅު.." އައިކާ އެހެން ބުނެލުމަށްފަހު އުޅުނީ ފެންވަރަން ވަންނާށެވެ. ނަމަވެސް އެވަގުތު ލީންގެ ފޯނެއް އައުމުން އައިކާއަށް މަޑުކުރަން ޖެހުނެވެ.
"ހާދަ ނުގަޑިއެއްގަ؟ އަނެއްކާ ކިހިނެއްވީ؟" އައިކާ އަހާލިއެވެ.
"ވަރަށް ބޮޑު ޚަބަރެއް ދޭށޭ މިގުޅީ.."
"އަނެއްކާ ކޮން ޚަބަރެއް؟ ތިހާ ހާސަރު ދިގުނުކޮށް ބުނެބަލަ އަވަހަށް ތި ބުނަން އުޅޭ ވާހަކައެއް.." އައިކާ ކެތްތެރިކަން ކުޑަވެފައި އަހާލިއެވެ.
"އެނގޭތަ؟ އެއްކަލަ ޔާން މެރީކޮށްފިއެއްނު ރޭގަ.." ލީން އެހެން ބުނެލުމުން އައިކާ ހައިރާންވިއެވެ.
"އޭނ.. ސީރިއަސްކޮށް؟"
"އާނ.. އަހަރެންވެސް ހުރީ ހައިރާންވެފަ.. ހަމަ ވަރަށް ކުއްލި ގޮތަކަށް ކުރި ކައިވެންޏެއް.. އެއްވެސް ޕްލޭންއެއް ނެތި.. އަހަރެންނަށް ވަރަށް އެހެން ކަހަލަ އެއްޗެއް ހީވަނީ.. އެއީ އޭނަ ޔާންއާ ރައްޓެހިވީތާ އަދި ނުވާނެ ދެމަސްވެސް.." ލީން އެހެން ބުނެލުމުން އައިކާގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.
"އެކަމަކު ކޮން އެއްޗެއް ލީންއަށް ހީވެގެން ތިއުޅެނީ؟" އައިކާ އަހާލިއެވެ.
"އަހަރެންނަށް ހީވަނީ އެދެމީހުން މެރީކުރީ މިސްޓޭކެއް ހެދިގެން އެކަން ބަސްޓުވެދާނެތީހެން.." ލީން ވާހަކަދެއްކީ ވަރަށް ސިއްރުންނެވެ.
"ކީއްވެ އެހެން ހީވަނީ؟"
"އެއީ އެއްރޭ އަހަރެންނަށް ފެނުނު މަންޒަރަކުން.. އަހަރެން ދިޔައީ ޒިޔާއާ މީޓްކުރަން އެގެއަށް.. ދިޔައިރު ގިފިލި ފަރާތުން ދެމީހެއްގެ އަޑު އިވިގެން އަހަރެން އެފަރާތަށް ދިޔައީ.. ދިޔައިރު އެތާ ޔާންއާ އޭނައާ ދެމީހުން.. އަހަރެން ޒިޔާ ގާތު ބުނަން އުޅުނިން.. އެކަމް ބުނާކަށް ނުކެރުނު.." ލީން އައިކާއަށް އޮޅުންފިލުވައިދިނެވެ.
"އޭގެ ފަހުން ދެހަފްތާ އަދި ވާނީ.. އެހެންވީމަ އަހަރެންނަށް ހަމަ ހީވަނީ އެހެންވެގެން އެކަން އޮއްބާލަން ވެގެންހެން.." ލީން އޭނާއަށް ހީވާގޮތް ބުންޏެވެ.
"ޔާން ކާކާ މެރީކުރީ؟"
"އިކާ ހަނދާން އެބަހުރިތަ ޔާންގެ ފަހަތުން އަޅައިގަނެގެން ނުނައްޓައިގެން އުޅުނެއްނު ސުމާ.. އެއްކަލަ ބަކުރުބެއާ ނަސީރާއްތަގެ.. އޭނައާ މެރީކުރީ.." ލީން ބުންޏެވެ. އައިކާއަށް ހައިރާންވެފައި އިނދެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ކިޔާންއަށް ހަމަ އެ ސުމާ ނޫނީ އިންނާނެ މީހަކު ނުވީ ހެއްޔެވެ؟ އެ ސުމާއަކީ ކޮންކަހަލަ މީހެއްކަން ކިޔާންއަށް ހަމަ ނޭނގެނީ ހެއްޔެވެ؟
"އެކަމަކު ޔާންއަށް އެނޫން މީހަކު ނުވީތަ އިންނަން؟"
"އާނ.. އަހަރެންވެސް ހިތަށްއަރަނީ ހަމަ ތިހެން.. ޒިޔާވެސް ހުންނަނީ ފާޑަކަށް.. ޒިޔާ މަންމަމެންވެސް ޤަބޫލެއް ނޫން.. އެކަމްވެސް މެރީކޮށްފި ރޭގަ.." ލީން ބުނެލިއެވެ.
"ދެން ކީކޭ ދޯ ބުނާނީ؟ އެކަމަކު ދެން ޔާންއަށް ވާނީ ކިހިނެއް؟ އެ ސުމާގެ ގޮތް ޔާންއަށް ނޭނގެނީތަ އަނެއްކާ؟"
"އޭނަ ސުމާއާ މެރީކުރާ ވާހަކަ ދެއްކީމަ ޒިޔާ އޭނައަށް ކިޔައިދިން އެ ސުމާގެ ގޮތް.. ދެން އަނެއްކާ ރަށުތެރޭގަ ކާޅު ގޮވާހެން ގޮވާ ވާހަކައެއް ވިއްޔަ އެއީ.. އެހެންވީމަ އޭނައަށް އެކަން ނޭނގިއެއް ނޯންނާނެއެއްނު.. އެކަމް އޭނަ ޤަބޫލެއް ނުކުރި.. އޭނަ ބުނީ މީހަކު ދައްކާހާ ވާހަކައެއް ނުވާނެޔޭ ޤަބޫލުކުރާކަށް.. އެއްވެސް ހެއްކެއް ނެތެއް ނޫންހޯ.. ޒިޔާ ބުނެފި ކަމެއްވީމައޭ އެންމެން އެހެން އެ ކިޔަނީ.. ޔާންވެސް ތިހުރީ ނޫންހޭ.. އެކަމް އެކަހަލަ ވާހަކައެއް ނުގޮވައެއް ނޫންހޭ ދުވަހަކުވެސް.. އަހަރެމެންވެސް މިތިބީ ނޫންހޭ.. އަހަރެމެންނޭ ކިޔައިގެން މީހުން ނުދައްކައޭ އެކަހަލަ ވާހަކައެއް.. އެކަމާ ޒިޔާދެކެ ރުޅިއައިސްގެން ޒުވާބުކޮށްފަ އަނގަޔަކުންވެސް ނުބުނޭ މިހާރު.. ހަމަ ހުވާ މިބުނީ އަހަރެން ހާދަ ރުޅިއެއް އައޭ.. ހިތަށްއަރާ އެ ރަންޑި އަންހެނާ ޔާންއަށް އެ ޖެއްސީ ކޮންކަހަލަ ސިހުރެއްބާއޭ.." ލީން ހުރީ ކިޔާން ކަންތައް ކުރި ގޮތުން ވަރަށް ހިތްހަމަނުޖެހިފައެވެ.
"ދެން އެކަމާ އަޅާނުލާ.. އިރާދަކުރެއްވިއްޔާ ޔާންއަކަށްވެސް ދެރަގޮތެއް ނުވާނެ.."
"އަހަރެންވެސް އުއްމީދުކުރަނީ ތިގޮތަށް.. އެކަމް އެ އަންހެނާއާ އެކީ އޭނައަށް ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެހެން ހީވޭތަ؟ އެއީ ބޮޑު ކޫޑިއެއް.. މީހަކާ އިނުމަކުން އެކަހަލަ މީހުންގެ ކަށީގަ ހިފާފަ ހުންނަ އާދަތަކަކަށް ބަދަލެއް ނާންނާނެ.." ލީން އަދިވެސް ހުރީ ހިތްހަމަނުޖެހިފައެވެ.
"ތީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން.. އެކަމަކު އެހެނޭ ކިޔާފަ އަހަރެމެން ވަކި ކީއްކުރާނީ؟ އެއީ ކިޔާންގެ ދިރިއުޅުމެއްނު.. ބަހައްޓާ.."
"އަހަރެންވެސް ހުރީ އަޅާނުލަންކަމަށް.. އެކަމް ޔާންއަކީ އަހަރެމެންނާ ނުލާހިކު ކްލޯސް ފްރެންޑެއް ވީމަ ހަމަ ބެހެވެނީ.. އޭނަގެ ދިރިއުޅުން ހަލާކުވާން ބޭނުންނުވާތީ.." ލީން ބުނެލިއެވެ.
"އޭތް ލީން.. ފަހުން ގުޅާނަން އިނގޭ.. ޔޫޝައުއާ އެކީ ބޭރަށް ދާންވެގެން މިއުޅެނީ.. ފެންވަރަން ވަންނަން އުޅެނިކޮށް ތި ގުޅީ.. މިހާރު ހަތަރެއްވެސް ޖަހާ ބޮޑުވީ.. އޭނަ އަންނާނެ ހަތަރު ގަޑި ބައިގަ.. އޭރަށް ރެޑީވާން ޖެހޭނެއެއްނު.." އައިކާ އަވަސްއަވަހަށް ބުނެލިއެވެ.
"ހޫމް.. އޭރުން އަވަހަށް ދޭ.. ސަނާއްތަމެން އަންނައިރު ހަދިޔާ ފޮނުވަން ހަނދާންކުރާތި!" ލީން އެހެން ބުނެލުމުން އައިކާ ހިނިގަނޑެއް ޖަހާލަމުން އޯކޭއޭ ބުނެލިއެވެ.
ހަތަރު ގަޑި ބައިވީއިރު ޔޫޝައު ހުރީ އައިކާ ބަލާ އައިހެވެ. އައިކާ ބޭރަށް ނުކުތް ވަގުތަކީ އައްޒާމް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭނާ އައިކާއަށް ބަލާލިއިރު އައިކާގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއް ފަޅީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޔޫޝައުއަށެވެ. އައިކާ ގޮސް ޔޫޝައުގެ ސައިކަލު ފަހަތަށް އަރަމުން ގޭ ދޮރާއި ދިމާއަށް ބަލާލީ އައްޒާމް ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް އައްޒާމް އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާގެ މޫނަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. އެރޭގެ ހާދިސާއަށްފަހު އޭނާގެ ހިތުގައި އައްޒާމްއަށްޓަކައި ވަނީ ފޫހިކަން އުފެދިފައެވެ. އޭނާ ސައިކަލަށް އަރައި ހަމަޖެހިލާފައި ޔޫޝައުގެ ގައިގައި ބައްދާލަމުން އައްޒާމްއަށް ބަލާލިއެވެ. އެވަގުތު ޔޫޝައުގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި އައްޒާމްއަށް ދަތްކުނޑި ވިކާލެވުނެވެ. ސައިކަލު ދުއްވާލުމާއެކު އައިކާ އައްޒާމްއަށް ބަލާލާފައި އެއްމިޔަކަނުން ހީލުމުން އައްޒާމްއަށް އައި ރުޅީގައި އަތް މުށްކަވާލެވުނެވެ.