ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސެނޭޓްގައި ދެން އިމްޕީޗްމަންޓް ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށް ދެކެވަޑައި ގަންނަވާ ކަމަށް، ރިޕަބްލިކަން ޕާޓީގެ ސެނެޓަރ މިޓް ރޮމްނީ ވިދާޅުވެއްޖެއެވެ.

އެކަމަކު ރޮމްނީގެ މި ވާހަކައަށް ޚުދު ރިޕަބްލިކަން ޕާޓީގެ އެހެން މެމްބަރުން ދެކޮޅު ހައްދަވައެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި މިޓް ރޮމްނީ ވިދާޅުވީ، މައްސަލައިގެ ޝަރީއަތުގައި ދެފަރާތުގެ ވަކީލުންގެ ވާހަކަތައް އަޑުއައްސަވަން އޭނާ ބޭފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، އެގޮތަށް ޓްރަމްޕްގެ މައްޗަށް މިހާރު ސެނޭޓްގައި ޝަރީއަތް ހިންގުމަކީ ގާނޫނީގޮތުން ކުރެވޭނޭ ކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ކޮންގްރެސް އިމާރާތަށް ދެވުނު ހަމަލާތަކަށް ހިތްވަރު ދެއްވި ކަމުގެ ކުށުގައި، އެމެރިކާގެ ހައުސް އޮފް ރެޕްސްއިން ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކޮށްފައިވަނީ މި ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ.

ޓްރަމްޕް ވެވަޑައިގެންނެވީ އެމެރިކާގެ ތާރީޚްގައިވެސް މަގާމުގައި ހުންނެވަނިކޮށް ދެވަނަ ފަހަރަށް އިމްޕީޗް ކުރެވުނު ފުރަތަމަ ރައީސަށެވެ.

ކޮންގްރެސް އިމާރާތަށް ހަމަލާތައް ދިނުމަށް ޓްރަމްޕްގެ ސަޕޯޓަރުންނަށް ހިތްވަރު ލިބުނީ، ޓްރަމްޕްގެ އަމަލުތަކާއި، ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ކަމަށް އާޓިކަލް އޮފް އިމްޕީޗްމަންޓްގައި ކަނޑައަޅާފައި ވެއެވެ.

ހައުސްއިން ފާސްކޮށްފައިވާ އާޓިކަލް އޮފް އިމްޕީޗްމަންޓްގެ ލިއުން މާދަމާގެ ވަގުތެއްގައި ރަސްމީގޮތުން ޕާލަމެންޓްގެ މަތިގެ، ސެނޭޓަށް ހުށަހަޅާނެއެވެ. ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގަން ސެނޭޓުންދަނީ ތައްޔާރުވެސް ވަމުންނެވެ.

މިޓް ރޮމްނީގެ ވާހަކަތަކާ ގުޅިގެން ރިޕަބްލިކަން އެތައް މެމްބަރުން ގެންދަވަނީ، ވެރިކަމުގައި ނެތްނަމަވެސް ޓްރަމްޕްގެ މައްޗަށް ސެނޭޓްގައި ޝަރީއަތް ހިންގުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށް އެބޭފުޅުން ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޝަރީއަތް ހިންގަން ޚާއްސަކޮށް ޑިމޮކްރޭޓުން ބޭނުންވަނީ، ޓްރަމްޕްގެ ކިބައިން ހިތްވަރު ލިބިގެން އޭނާގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ދިން ހަމަލާތަކާ ގުޅިގެން ޓްރަމްޕަށް ދެން ދުވަހަކުވެސް އެމެރިކާގެ ވެރިކަމަށް ނާދެވޭގޮތް ހެދުމަށެވެ.

މިހާރުގެ ރައީސް ޖޯ ބައިޑެން ރައީސްކަމުގެ ހުވާ ކުރެއްވިދުވަހު، ވޮޝިންޓަނުން ފުރާވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ "އަހަރެމެން އަދި އެނބުރި އަންނާނަން" މިހެންނެވެ. ޓްރަމްޕް ކުރިންވެސްވަނީ ވެރިކަމަށް އަލުން ކުރިމަތިލައްވާނެކަމަށް އިޝާރާތް ކުރައްވާފައެވެ.