މި ދައުރުގައި ހިލޭ ހައްޖަށް ގެންދާ ފުރަތަމަ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކުރިޔަށް ގެންދާ ބެޗެކެވެ

ސަރުކާރުގެ ފަރާތުން ހައްޖަށް ގެންދާ ބެޗް އަންނަ އަހަރު ހައްޖަށް ފޮނުވުމާ ބެހޭ ގޮތުން ހާމަކޮށްފައި ވަނީ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް އެކްސް.ކޮމްގައި ކުރެއްވި "އެކްސްޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޑރ ޝަހީމް ވިދާޅުވީ، ރައިސް ޑރ މުއިއްޒުގެ ވައުދުފުޅު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ހަރަދުގައި ހިލޭ މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މ. މުލަކުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިޔުމުގެ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ސަރުކާރުގެ އެފަދަ މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އެގޮތުން ފައިސާ ދައްކަން ދަތި މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުތެރޭ 1000 މީހުން ހައްޖަށް ފޮނުވަން އެމަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

މީގެއިތުރުން ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާ ކުރެއްވުމަށް ހައްޖު ފަންޑުގެ ނަމުގައި ހާއްސަ ފަންޑެއް އުފައްދަވާ، އެ ފަންޑުން އެކި ކަންކަމަށް އިންވެސްޓުކޮށް ހައްޖު ކޯޕަރޭޝަނަށް ފައިސާ ލިބޭނެ ގޮތް އިންތިޒާމުކުރައްވާނެ ކަމުގައިވެސް ރައީސް ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރަކު ވެސް ހައްޖަށް ދިއުމަށް ރާއްޖެ އަށް ދެމުން އަންނަނީ 1،000 ކޯޓާއެވެ.