އެމްޑީޕީގެ ވަގުތީ ރައީސްއަކަށް، ނިމި ދިޔަ ދައުރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފިއެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ވަގުތީ ރައީސްއަކަށް، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައި ވަނީ އެމްޑީޕީން ރޭ އއ އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީސް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 47 މެމްބަރަކު ވަނީ ރައީސް ސޯލިހު އެމަގާމަށް ގެނައުމަށް ވޯޓު ދެއްވާފައެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަގާމް ހުސްވީ އެމަގާމުގައި ހުންނެވި، އެޕާޓީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަގާމުން ވަކިވުމާއި ގުޅިގެންނެވެ.
ރޭ ބޭއްވި ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުން ވަނީ ނިމިދިޔަ ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް އެޕާޓީގެ ގައުމީ މަޖިލިހުގެ މެމްބަރުންގެ ގޮތުގައި ހަމަޖެއްސުމަށްވެސް ނިންމާފައެވެ. އޭގެ އިތުރުންވެސް އެމްޑީޕީގެ ގައުމީ މަޖިލިހުންވަނީ އެހެން ބައެއް ނިންމުންތައްވެސް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ނިންމުން ތަކަކީ:
- ރާއްޖޭގައި އެތައް ހާސް އިންޑިއާ ސިފައިން ތިބޭ ކަމާއި އެ މީހުން ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ނަގާލަން ރާވަމުން ދިޔަ ކަމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ވިއްކާލި ވާހަކަ އާއި ދައުލަތް ޝާމިލްވެ ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ޕަބްލިކް އިންކުއަރީއެއް ހަދަން އެމްޑީޕީ ޕީޖީ ގުރޫޕުގައި އެދުން.
- ސަރުކާރު ޒިންމާދާރު ކުރުވުމަށް ކޮމެޓީއެއް އެކުލަވާލުން
- މަޖިލީހުގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް އެކުލަވާލުން
- ޕާޓީއަށް މެމްބަރުން އިތުރުކުރުން
- ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބައްޓަން ކުރުމަށް ބާރު އެޅުމަށާއި އަނިޔާވެރިކަން ހުއްޓުވަން އެމްޑީޕީ ދެމިއޮތުން.