ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ކުރަން ޖެހޭ ކަންކަން ކުރައްވާނޭ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ވަރަށްބުރަ މަސައްކަތްކޮށްގެން ގާއިމްކުރި ވެރިކަމެއް ކަމަށެވެ. "ރައީސް ޑރ. މުއިއްޒުގެ މިވެރިކަން ގެނައުމަށް މަސައްކަތްކުރި ފަދައިން މިވެރިކަން ހިމާޔަތްކޮށް ދަމަހައްޓަން ކުރަންޖެހޭ ކަންކަން ވެސް ކުރާނަން،" މިނިސްޓަރ ވިދާޅުވެފައިވެއެވެ.

އިސްލާމިކް މިނިސްޓަރ މިހެންވިދާޅުވީ ސަރުކާރާ މެދު ހިތްޕުޅާ ނުވެގެން ޕީޕީއެމްގެ ރައީސް އެޕާޓީން ވަކިވެ އައު ޕާޓީއެއް ހެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.

ޑރ. ޝަހީމަކީ ރައީސް ޔާމީން 2018 ވަނަ އަހަރު ވެރިކަމަށް ވާދަކުރެއްވިއިރު އެމަނިކުފާނުގެ ރަނިންމޭޓެވެ. އެފަހުން އެމަނިކުފާނާ ވަރަށް ގާތްގުޅުމެއް ޝަހީމް އެމަނިކުފާނާ ބާއްވައެވެ.

ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީޕީއެމާއި ޕީއެންސީ ގުޅިގެން ކުރެއްވި މަސައްކަތުންނެވެ. އެހެންނަމަވެސް ޑރ. މުއިއްޒު ވެރިކަމުގެ ޤާނޫނީ ހުވައި ކުރެއްވުމަށްފަހު އަދި ހަފްތާއެއް ނުވަނީސް ރައީސް ޔާމީނާ ދެބޭފުޅުން ޚިޔާލު ތަފާތުވެ ޔާމީން މިވަނީ ޕީޕީއެމުން ވަކިވެ ވަޑައިގެން ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށްޓަވައިފައެވެ. މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ ރައީސް ޔާމީނަށް އިޚްލާސްތެރި މިނިސްޓަރަކު ސަރުކާރުގައި ނެތް ކަމަށެވެ.