އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ގިނަ ވަގުތު ރައްޔިތުންނަށް ހިދުމަތްކުރުމުގައި ވަގުތު ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.

މިނިސްޓާރ ސައީދު އެކްސް.ކޮމްގައި މުއިއްޒަށް ވަރަށް ބޮޑަށް ތާއީދުކުރައްވައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ޑރ މުއިއްޒަކީ ވެރިކަމުގެ ފުރަތަމަ ހަފްތާގައި މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.

"ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި މުހިއްމު މަސައްކަތްތަކެއް އެމަނިކުފާނު ވަނީ ކުރިއަށްގެންދަވާފައި. އަޅުގަނޑަށް ފާހަގަވީ، ވަރުބަލިކަމެއް ނެތި ބުރަ އަދި ގިނަ ވަގުތު ރައްޔިތުންގެ ހިދުމަތުގައި ހޭދަކުރައްވާ ވެރިއެއްގެ ގޮތުގައި،" ސައީދު ވިދާޅުވިއެވެ.

ސައީދުގެ އިތުރުން މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރަކަަށް ހުންނަވާ އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ކަމަށާއި އެކަމަށް ވަކި މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ މަގުސަދުގައި ކަމަށެވެ.

މިނިސްޓަރ ސައީދާއި އާދަމް ޝަރީފް ފިޔަވައި އެހެނިހެންވެސް ރައީސް ޑރ މުއިއްޒަށް ތާއީދު ކުރައްވާ ފަރާތްތަކުން ގެންދަނީ ސޯޝަލްމީޑިޔާގައިވެސް ރައީސް ޑރ އިއްޒާ އެއްކޮޅަށް އަޑުއުފުލައި ދިފާއުގައި ބަސްބުނަމުންނެވެ. ސަބަބަކީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފެށްޓެވުމެވެ.

މީގެ ތެރޭގައި ކުރިން ރައީސް ޔާމީނަށް ސަޕޯޓް ކުރާ ޔާމީންގެ ގާތް ވަފާތެރި ގިނަ ބަޔަކު ހިމެނޭއިރު، މިއީ ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ޔާމީން ކަމަށް ގަބޫލު ކުރާތީ އެމަނިކުފާނާއެއްކޮޅަށް ހިތްވަރުދެއްވުމަށާއި ޔަގީންކަމާއެކު ބަޔަކު އެބަތިބިކަން ދޭހަކޮަށް ދިނުމަށް އެމނިކުފާނަށް ތާއީދުކުރުމަށް އިސްނެގުމެކެވެ.

މިގޮތުން، ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކުރެއްވުމަށް ބައެއް ބޭފުޅުން ގެންދަވަނީ، "އައިސްޓޭންޑްވިތުމުއިއްޒު" ހޭޝްޓެގްގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއްވެސް ކުރިއަށްގެންދަވަމުންނެވެ.

ޕީޕީއެމް ހިންގުމަށް ރައީސް ޔާމީން ނެންގެވި ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޕާޓީގެ ހިންގުމާ ހަވާލުވިކަން އިއުލާންކޮށް، ބައެއް ބަދަލުތައް ގެންނާނެކަން ހާމަކުރުމާއެކު، އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުން ލީޑުކުރެއްވި ކުރީގެ މިނިސްޓަރު މަލީހް ޖަމާލް ވަނީ ރޭގެ ވަގުތެއްގައި އެ ޕާޓީން ވަކިކޮށްފައެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކަންކަމުގައި ޔާމީންގެ މަޝްވަރާ ނުހޯދުމާއި ޕީޕީއެމް ހިންގަން ލީޑަޝިޕުން ބޭނުން ނުވުމާއި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަންކަން ކުރާތީ ޑޜ މުއިއްޒ. ޕީޕީއެމްއާ ދުރަށް ވަޑައިގެންނެވީ ކަމަށެވެ.