ފަަލަސްތީނާ ދެކޮޅަށް ސަޔްހޫނީ އިޒްރޭލުން ހިންގަމުން އަންނަ ޤަތުލް އާންމު ހަތަރު ދުވަހަށް ހުއްޓާލަން އިޒްރޭލުން އެއްބަސްވުމާއި ގުޅިގެން ރޭގެ ވަގުތެއްގައި ހަމާސް ޖަމާއަތުން 24 ރަހީނުން ދޫކޮށްލައިފިއެވެ.
ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ރޭ ދޫކޮށްލި 24 ރަހީނުންނަކީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެޖަމާއަތުން އިޒްރޭލަށް ކުއްލި ހަމަލާއެއްދީ ރަހީނު ކުރި ދުއިސައްތަ ސާޅިސް ރަހީނުންގެ ތެރެއިން ބައެކެވެ. ރަހީނުން ދޫކޮށްލާފައި ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސެންޓް މެދުވެރިކޮށެވެ. ރަހީނުންނާ ހަވާލުވެ ރެޑް ކްރޮސެންޓުން ރަހީނުން ގެންގޮސްފައި ވަނީ ރަފާހް ބޯޑަރު ހުރަސްކޮށް މިސްރަަށެވެ.
ހަމާސްއިން ދޫކޮށްލި ރަހީނުންގެ ތެރޭގައި ހިމެނެނީ ޒަޔަނިސްޓް އިޒްރޭލަށް ނިސްބަތްވާ 13 މީހުންނާއި ތައިލެންޑުގެ ޕާސްޕޯޓް އޮތް 10 މީހުންނާއި ފިލިޕީންސް ޕާސްޕޯޓް އޮތް އެކެކެވެ. ހަމާސްއިން ދޫކޮށްލި ރަހީނުންގެ ތެރޭގައި ކުޑަ 4 ކުދިންނާއި އުމުރުން ދުވަސްވީ 6 މީހުން ހިމެނެއެވެ.
ޣައްޒާއާ ދެކޮޅަށް ހިންގަމުން އަންނަ ޤަތުލް އާންމު ހަތަރު ދުވަހަށް މެދުކަނޑާލަން އިޒްރޭލުން އެއްބަސްވީ، ހަމާސްއިން ރަހީނު ކުރި މީހުން ސަލާމަތް ކުރުމަށް މިދިޔަ މަހުގެ 7 ވަނަ ދުވަހު ފެށި މަސައްކަތަށް ދެމަހާ ކައިރިވެފައިވާއިރުވެސް އެއްވެސް ކުރިއެރުމެއް ނުލިބުމުންނެވެ. މިއެއްބަސްވުމުގެ ދަށުން ހަމާސްއިން ޑިމާންޑް ކޮށްފައި ވަނީ އިޒްރޭލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 150 ރައްޔިތުން ދޫކޮށްލުމަށެވެ. ގޮތް ދޫނުކޮށް ހަރަކަށި ކަމާއި އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ އިޒްރޭލުން ހަމާސްގެ ޑިމާންޑަށް ބޯލަނބަން ޖެހުމަކީ އެޖަމާއަތުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް އިންޓަނޭޝަނަލް މީޑިޔާތަކުގައި ދަނީ ސިފަ ކުރަމުންނެވެ.
ހަމާސްގެ ޑިމާންޑާ އެއްގޮތަށް އިޒްރޭލުން ރޭ ވަނީ 39 މީހުން ދޫކޮށްލާފައެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންވެސް ހިމެނެއެވެ.